އެންމެ ހެޔޮ އަގުގައި މުދާ ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތައާރަފުކުރި "އަގުމަގު" އެޕްލިކޭޝަނުގައި 224 ފިހާރައަކުން ރަޖިސްޓްރީވެ، އެ ތަންތަނުގައި ވިއްކާ މުދަލުގެ އަގުތައް ފެންނާނެހެން ޝާއިއުކޮށްފިއެވެ.
އެންމެ ހެޔޮ އަގުގައި މުދާ ލިބެންހުރީ ކޮން ތަނަކުންކަން ދެނެގަތުމުގައި ރައްޔިތުންނަށް އެހީތެރިވުމަށް އިގުތިސާދީ ވުޒާރާއިން ފުރަތަމަ "އަގުމަގު" ޕޯޓަލް ތައްޔާރުކޮށް ތައާރަފުކުރިއެވެ. އަދި އޭގެ ފަހުން، އެ ޕޯޓަލަށް ފިހާރަތަކުން އަޕްލޯޑުކުރާ މުދަލުގެ އަގުތައް ރައްޔިތުންނަށް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
އިގުތިސާދީ ވުޒާރާއިން މިއަދު ޝާއިއުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ބާޒާރުގައި މުދާ ލިބެންހުރި އަގުތައް ފަސޭހަކަމާއެކު އަޅައިކިޔައިލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 224 ފިހާރައެއް އެ އެޕްލިކޭޝަނުގައި ރަޖިސްޓްރީވެ، އެ ތަންތަނުން ވިއްކަމުންދާ މުދަލުގެ އަގުތައް އަޕްލޯޑުކުރަމުންދާކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.
މީގެއިތުރުން، އެ ވުޒާރާއިން ބުނި ގޮތުގައި މި އެޕްލިކޭޝަނަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން އެޕްލިކޭޝަން ތައާރަފުކުރި ފަހުން މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން އެޕް ޑައުންލޯޑުކޮށްފައިވާއިރު، ކޮންމެ ދުވަހަކު ވެސް 2،724 މީހުން އެ އެޕްލިކޭޝަން ބޭނުންކުރަމުންދެއެވެ.
އިގުތިސާދީ ވުޒާރާއިން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ބާޒާރުގައި މުދާ ލިބެންހުރި އަގުތައް ޔަގީންކުރުމަށް އެދިފައެވެ.