ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ރާއްޖޭގައި ޤާއިމްކުރަން މަސައްކަތްކުރާ "އުފެއްދުންތެރި އިޤްތިޞާދު" ނުވަތަ ކްރިއޭޓަރ އިކޮނޮމީ ވެގެންދާނީ ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންގެ މުސްތަޤްބަލް އަލިވެގެންދާނެ މުހިންމު ކަމަކަށް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ. ޟިޔާއު މިހެން ވިދާޅުވީ ވިޔަފާރިވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.
ޟިޔާއު ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފަންނުވެރިންނާއި، ޑިޒައިނަރުން، ޑިވެލޮޕަރުން އަދި ފްރީލާންސަރުން ފަދަ ހުނަރުވެރި ފަރާތްތަކަށް، އެމީހުންގެ އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމުގެ ފުރުޞަތު މިއަދު ފަހިވެފައިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ޑިޖިޓަލް އަދި ކްރިއޭޓަރ އިކޮނޮމީ އަކީ ޒުވާނުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާޞިލުވުމަށް ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޑިޖިޓަލް ސިޔާސަތާއެކު ކުރިއަށްދާ މި މަސައްކަތުގެ ދަށުން، ކްރިއޭޓަރ އިކޮނޮމީއަށް މަގުފަހިކުރުމަށްޓަކައި ޤާއިމްކުރާ "ކްރިއޭޓަރ ހަބް"ގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޟިޔާއު ވިދާޅުވިއެވެ. މި ހަބްގެ މައިގަނޑު އަމާޒަކީ އުފެއްދުންތެރިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
އިތުރަށް ވާހަކަދައްކަވަމުން ޟިޔާއު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމްކުރުމަށްޓަކައި އެ ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެއިތުރުން މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވިޔަފާރިވެރިޔަކު ހުރި ރަށަކީ ނުވަތަ ތަނަކީ އޭނާއަށް ލިބެންޖެހޭ ފުރުޞަތުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވައި، ވިޔަފާރީގެ ވިސްނުމުގައި ތިބި ޒުވާނުން މިއަދު ފަހިވަމުންދާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކުރިއަށް ދިއުމަށް ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.