ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހއ. ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނޭ ފަރާތްތައް ތަމްރީނު ކުރުމަށްޓަކައި ހާއްސަ މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި މަހުގެ 16 އިން 20 އަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ކެލާ ކައުންސިލާއި ރަށުގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ވެސް ބޭފުޅުން ބައިވެރިވެ، ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.
މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ތިން ދުވަސް ހާއްސަކޮށްފައިވަނީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށެވެ. އެގޮތުން ރަށަށް މިހާރު ދިމާވަމުންދާ އެކި ނުރައްކާތަކާއި، އެ ކަންކަމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ، ކާރިސީ ހިރާސް ކުޑަކުރުމަށްޓަކައި އެޅިދާނެ އެކިއެކި ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ބައްދަލުވުމުގެ ފަހު ދެ ދުވަސް ހާއްސަކުރެވުނީ ކެލާގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނޭ މީހުން ތަމްރީނު ކުރުމަށެވެ. އެންޑީއެމްއޭ އިން ފާހަގަކުރި ގޮތުގައި އެކުލަވާލެވުނު ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމުގައި ވެސް ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހިމެނެއެވެ.
މި ތަމްރީނުގެ ފަހު ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ހާއްސަ އެމަރޖެންސީ ރެސްޕޮންސް އެކްސަސައިޒެއް ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.