މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 18،400އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އެ އެއާޕޯޓުން ވަނީ ޖުމުލަ 18،457 ޓަނުގެ މުދާ އުފުލާފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެއާޕޯޓުން އުފުލި މުދަލުގެ އަދަދާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.
ދެވަނަ ކުއާޓަރުގެ ތެރޭގައި ވެލާނާ އެއާޕޯޓުން އެންމެ ގިނަ އަދަދަކަށް އުފުލާފައިވަނީ އިންބައުންޑް ނުވަތަ ރާއްޖެއަށް އެތެރެކުރި މުދަލެވެ. އެގޮތުން މުޅި ޖުމުލަ 13،542 ޓަނުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި އައުޓްބައުންޑް ނުވަތަ ރާއްޖެއިން ބޭރަށް 4،915 ޓަނުގެ ކާގޯ ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން، މި މުއްދަތުގައި އެ އެއާޕޯޓުން ވަނީ 3،650 ޓަނުގެ ޓްރާންޝިޕްމެންޓް މުދާވެސް އުފުލާފައެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 26 އިންސައްތައިގެ ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. މީގެ ތެރޭގައި އެއަރ-ޓު-އެއަރ މެދުވެރިކޮށް އުފުލި 3،116 ޓަނުގެ ކާގޯގެ އިތުރުން، ސީ-ޓު-އެއަރ މެދުވެރިކޮށް އުފުލި 534 ޓަނުގެ މުދާ ހިމެނެއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ފްރެއިޓަރ މޫވްމެންޓްވެސް ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތަ އިތުރުވެ، 94 އަށް އަރާފައެވެ.