މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް ހަވަނަ އިސްލާހު ގެނެސް، އެ ޤަވާއިދު މިހާރު ވަނީ ރަސްމީކޮށް ޝާއިޢުކޮށްފައެވެ.
މި ގެނެވުނު އިސްލާހުގެ ދަށުން ރާއްޖޭގެ ޓެކްސް ނިޒާމަށާއި، ބޭރު ފައިސާއިން ހިސާބު ބެލެހެއްޓުމުގެ މިންގަނޑުތަކުގެ އިތުރުން، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކުންފުނިތަކާއި ޕާޓްނާޝިޕްތައް އުވާލުމާ ގުޅޭ މުހިންމު އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެއް ފަރާތަށްވުރެ ގިނަ ފަރާތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަދޭ އެއްވެސް ފަރާތަކުން އެމީހާ ރަޖިސްޓްރީކޮށްފައި ނުވާނަމަ، އެމީހަކު އަމިއްލައަށް މީރާގައި ރަޖިސްޓްރީވުން ވަނީ ލާޒިމުކޮށްފައެވެ. މީގެއިތުރުން، 12 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބޭ ފަރާތްތަކުން ވެސް މީރާގައި ރަޖިސްޓްރީވުން ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، ޕާޓްނާޝިޕްތައް އުވާލުމުގެ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އަންގަންޖެހޭ ގޮތަށް ޤަވާއިދުގައި ހަމަޖައްސާފައިވެއެވެ. ނަމަވެސް، އަހަރެއްގެ ތެރޭގައި 500,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޕާޓްނާޝިޕްތައް އުވާލާ ފަރާތްތައް، އެ ފަރާތްތަކުން ޓެކްސް ދައްކައި ޚަލާޞްކުރަންދެން މީރާގައި ރަޖިސްޓްރީ ކުރުވުމުގެ ފުރިހަމަ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.