33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ގިނަ މަޝްރޫޢުތަކެއް މިއަހަރު ހިންގާ އަންނަ އަހަރު އިފްތިތާހުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ގިނަ މަޝްރޫޢުތަކެއް މިއަހަރު ހިންގާ އަންނަ އަހަރު އިފްތިތާހުކުރަނީ

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކުރެވޭ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިއަހަރު ކުރިއަށްގެންދެވި، އަންނަ އަހަރަށް ގިނަ މަޝްރޫޢުތައް އިފްތިތާހުކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރ. އަތޮޅުގައި 6.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އެރައިސް މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން ބ. އޭދަފުށީގައި ޤާއިމުކުރި 1.2 މެގަވޮޓުގެ ސިސްޓަމް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިހާރުވެސް 14.5 މެގަވޮޓުގެ ސޯލާ މަޝްރޫޢެއް ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އައްޑޫ ސިޓީއަށް ޚާއްސަކޮށްގެންވެސް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ހިންގުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ގިނަ މަޝްރޫޢުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު މި މަޝްވަރާކުރަނީ މިއަށްވުރެވެސް ބޮޑު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށްވެސް. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކުރެވޭ ގިނަ މަޝްރޫޢުގެ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދެވި، އަންނަ އަހަރަށް ގިނަ މަޝްރޫޢުތައް އިފްތިތާހުކުރެވޭނެ،" ވަޒީރު ޢަލީ ޝަރީފު ވިދާޅުވިއެވެ.

ހަކަތައާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތައް ނިމުމުން، ޤައުމީ އަމާޒަށް ވާސިލްވުމަށް ބޭނުންވާ 330 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ޤާއިމުކުރެވި، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑި ހާސިލުވާނެއެވެ.

މިއަދު އޮންލައިން