މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މަނީ ޗޭންޖިން ލައިސަންސް މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ލައިސަންސް ބާތިލްކުރަން ނިންމީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރޭގައި އެ ފަރާތުން ޤަވާއިދާ ޚިލާފުވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުން ވެސް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް މަރުކަޒީ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމްއެމްއޭގެ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވާއިދުގައިވާ ގޮތުން، މަނީ ޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އަދި އޮތޯރިޓީން އަންގާ ގޮތެއްގެ މަތިންނާއި އަންގާ ވަގުތެއްގައި އެދޭ މަޢުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މި ޤަވާއިދުގެ ދަށުން، ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އެމްއެމްއޭގެ އޮފިސަރުން ނުވަތަ އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް އޮންސައިޓް އެގްޒެމިނޭޝަން ހިންގުމުގެ ބާރު ލިބިގެންވެއެވެ.
މިފަދަ އެގްޒެމިނޭޝަންތަކުގައި ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި، މުޢާމަލާތްތަކުގެ ރެކޯޑުތައް އަޅާކިޔައި ޗެކްކުރެއެވެ. އަދި ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ، 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާތިލްކުރުމުގެ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.