މޯލްޑިވްސް 2.0ގެ ދަށުން، އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ތަލްހަތު ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ފުރުޞަތުތައް ނެތުމުގެ ސަބަބުން ބައެއް ދިވެހިން ރާއްޖެއިން ބޭރުގައި ކުންފުނިތައް ހަދައިގެން ވިޔަފާރިކުރަން ޖެހިފައިވެ އެވެ. ތަލްހަތު ބުނި ގޮތުގައި، ލަންކާގައި އައިޓީ ކުންފުންޏެއް ހެދުމަށް ތަލްހަތު ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ލަންކާ ސަރުކާރުން ހުއްދަ ދެނީ ހަމައެކަނި ލަންކާ ރައްޔިތަކަށް ޝެއަރ ދީގެން ކަމަށްވާތީ، ދިވެހިންނަށް ހުރި ހުރަސްތައް ތަލްހަތު ފާހަގަކުރި އެވެ. ހަމައެހެންމެ، ލަންކާ ރައްޔިތުން ރާއްޖޭގައި ކުންފުނިތައް ހަދައިގެން، ރާއްޖޭގެ އައިޓީ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ކަންވެސް ތަލްހަތު ފާހަގަކުރި އެވެ.
ތަލްހަތު ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ދިވެހިންނަށް އައިޓީ ދާއިރާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެ މަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް، ރާއްޖެ ޑިޖިޓަލައިޒޭޝަންގެ މިސްރާބަށް ދަތުރުކުރާ ދަނޑިވަޅުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.
"އެސްއެމްއީތައް ފުޅާކުރުމަކީ ސިޔާސަތު. އަޅުގަނޑުމެންގެ އިކޮނަމީގައިވެސް އައިޓީ ދާއިރާ ފުޅާކުރުމަކީ ސިޔާސަތު. އެކަހަލަ ހުރަސްތައް ހުރިއްޔާ، އެއީ ހައްލުކުރުން މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނަށް ދިމާވާ ހުރަސްތައް ދެނެގަނެ، ހައްލު ހޯދައިދިނުމަކީ ސަރުކާރުން ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމެއް ކަމަށެވެ. ހަމައެހެންމެ، ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ބިމުގައި ތިބެ، ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް 2.0 އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ވިޝަންއެކެވެ. މި ވިޝަންގެ ދަށުން، ދިވެހި ޒުވާނުންނާއި ވިޔަފާރިވެރިންނަށް ޓެކްނޮލޮޖީ ދާއިރާއިން ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.