ސަބްސިޑީއަށް ކުރި ހަރަދު 3.5 ބިލިއަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސަބްސިޑީއަށް ކުރި ހަރަދު 3.5 ބިލިއަން ރުފިޔާއަށް އަރައިފި

ފާއިތުވެދިޔަ ހަފުތާގައި ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަބްސިޑީއަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު ވަނީ 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް ނުވަތަ 44.1 އިންސައްތަ މަތިވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް ނުވަތަ 14.7 އިންސައްތަ މަތިވެފައިވާއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ނުވަތަ 58.4 އިންސައްތަ މަތިވެފައެވެ. މީގެ އިތުރުން އަދުލުއިންސާފުގެ ދާއިރާ މާލީގޮތުން މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 8.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދުތައް 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް ނުވަތަ 27.4 އިންސައްތަ މަތިވެފައިވާއިރު، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް 9.1 އިންސައްތަ އިތުރުވެފައެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް (46.2 އިންސައްތަ) އިތުރުވެފައިވާއިރު، ހަރުމުދާ ހޯދުމަށް ކުރި ހަރަދު ވަނީ 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް (19.4 އިންސައްތަ) މަތިވެފައެވެ. ނަމަވެސް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ އޯގަސްޓް 13 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މިއަދު އޮންލައިން