އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭ ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭ ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. މި ބައިނަލްއަޤްވާމީ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 30 އިން 31 ގެ ނިޔަލަށެވެ.

އައިޔޫއެމް އިން މައުލޫމާތު ދިން ގޮތުގައި، މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން އެ ޔުނިވަރސިޓީން ކާމިޔާބުކަމާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މުހިންމު އިލްމީ ހަރަކާތެކެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންނާއި ދިރާސާވެރިން އެއްތަނަކަށް އެއްވެ، އިލްމީ މައުލޫމާތު ބަދަލުކުރުމާއި، އެކިއެކި ދާއިރާތަކުން ބިނާކުރަނިވި އިލްމީ ބަހުސްތައް ކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކެވެ.

މީގެ އިތުރުން، ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި ކުރިއަރުވައި އިތުރުކުރުމަށްވެސް މި ޕްލެޓްފޯމުގެ ސަބަބުން ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، ދިރާސާކުރުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ އެ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެކެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާއާއި ދިރާސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ބޭންކުން ވަނީ ދީފައެވެ.

މިއަދު އޮންލައިން