އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށްޓަކައި މި ހަފުތާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުގެ އިތުރުން އެ ކުންފުނީގެ އިސް ވެރިންނެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައިނުވުމަކީ އެ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ކަންބޮޑުވި ކަމެއްކަން ފާހަގަކޮށް، އެމްޓީސީސީން ބުނީ މިއީ މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެން ކޮށްދޭންޖެހޭ ވަރަށް މުހިންމު ކަމެއް ކަމުގައި މެނޭޖްމަންޓާއި ބޯޑުން ދެކޭ ކަމަށެވެ. އެގޮތުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އިސްނެންގެވުމުގެ މަތިން މި މަޝްރޫޢު އަލުން ކުރިއަށް ގެންދިޔުމަށް ބިމެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަށް އިޖާބަދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން އަންގަވާފައެވެ.
އެމްޓީސީސީގެ މިއަދުގެ މެނޭޖްމަންޓުގެ މައިގަނޑު އަމާޒަކީ ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ އިޚުލާޞްތެރި މުވައްޒަފުންގެ އަގު ވަޒަންކުރުން ކަމަށާއި، މި ނިންމުމަކީ ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަކަށް އުންމީދުކޮށްގެން އެތައް އަހަރެއް ވަންދެން ތިބި މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ އަމާޒަކީ ބިން ހަމަޖެހުމާއެކު މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި އަބަދުވެސް މުވައްޒަފުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.