މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު "ފަސްމީރު" ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ޚާއްސަ ހަދިޔާ ޕެކެއް އެ ކުންފުނިން މިއަދު ތަޢާރަފުކޮށްފިއެވެ. މި ޕެކޭޖަކީ ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
މިފްކޯއިން އަލަށް ތަޢާރަފުކުރި މި ހަދިޔާ ޕެކްގައި ޖުމްލަ 12 މަސްދަޅު ހިމެނޭއިރު، މީގެ ތެރޭގައި ފަސްމީރު ބްރޭންޑުގެ ހަތަރު ރަހައެއް ހިމެނެއެވެ. އެއީ ކަނޑުމަސް ގިތެޔޮ މިރުހާއެކު، ކަނޑުމަސް ލުނބޮޔާއި މިރުހާއެކު، ކަނޑުމަސް އަސޭމިރުހާއެކު އަދި ކަނޑުމަސް ހިކި މިރުހާއެކު ތައްޔާރުކޮށްފައިވާ ދަޅުތަކެވެ. ކޮންމެ ރަހައަކުން ތިން ދަޅު މި ޕެކޭޖުގައި ހިމެނެއެވެ.
އަގަށް ބަލާއިރު، ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި މި ހަދިޔާ ޕެކް ލިބެން ހުންނާނީ 221 ރުފިޔާ އަށެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއްކަމަށް މިފްކޯއިން ފާހަގަކުރެއެވެ.
މި ޕެކޭޖު ފަރުމާކޮށްފައިވަނީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެ ގޮތަށެވެ. އަދި މިއީ ހަދިޔާއެއްގެ ގޮތުގައި ދިނުމަށް އެންމެ އެކަށޭނަ ގޮތަށް ތައްޔާރުކޮށްފައިވާ ޕެކެއް ކަމުން، ހަދިޔާ ލިބޭ ފަރާތުގެ ނަންވެސް ޖަހައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިފްކޯއިން ބުނިގޮތުގައި، ފަސްމީރުގެ މި ހަދިޔާ ޕެކް މިހާރު މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ މަސްފިހާރަތަކުން ބައްލަވައިގަންނަން ލިބޭނެއެވެ.