ޚިޔާނާތުގެ އެކި މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށްޓަކައި "އެސެޓް ރިކަވަރީ" ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އަށަގެންފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ޔަގީންކަމަކާއެކުގައި ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރެވޭނީ ސަރުކާރާއި، ކޯޓުތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެސެޓް ރިކަވަރީ ބިލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، މިހާރު ހުރި ބައެއް އެހެން ޤާނޫނުތަކަށްވެސް އިސްލާހުތައް ގެންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތައް އިތުރަށް ވަރުގަދަކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ ފައިސާ އާއި މުދާ ގެއްލިފައިވާ ގެއްލުން، އޭގެ ތެރެއިން ވީހާވެސް ބޮޑު އެއްޗެއް ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި އެ ނޫންވެސް ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ބަލައި، އެކަންކަމަށް އިންސާފުވެރި ހައްލެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ޚިޔާނާތުގެ އަމަލުތައް ހިންގުމަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ދައުލަތުގެ ނިޒާމުތައް ބައްޓަންކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.