ޤައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު މާޒީގައި ކަންވެފައި ހުރިގޮތާއި އެކަންކަން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބިގެން ރައްޔިތުންނަށް ހަގީގީ މިނިވަންކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޚާރިޖީ ގޮތުންނާއި ދާޚީލީ ގޮތުންނާއި ތަރައްގީ އާއި ތަމައްދުނުގެ ގޮތުންވެސް މިޤައުމަކީ މިނިވަން ޤައުމަކަށްވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއާއި ބޭރު ޤައުމުތަކާ އޮންނަ ގުޅުމަކީ މިނިވަންކަމުގައި މުހިންމު ބައެއް ކަމަށާއި، ކުރީގެ ބައެއް ސަރުކާރުތަކުން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާޒީގައި ކަންވެފައި ހުރި ގޮތްތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، "އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ޤައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު 'މިނިވަން ދުވަހު' ފާހަގަކުރިން ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކޭ. މިކަންކަމަކީ ފެކްޓް. ފެންނަން ހުރި ހަގީގަތް،" ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ މިފަދަ ކަންކަން އިސްލާހުކޮށް، ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުންވެސް މިނިވަން ފުދުންތެރި ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކެއްކަން ވަނީ ހާމަކުރައްވާފައެވެ.