ދިވެހިރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި، ކުއްލިހާލަތްތަކުގައި ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އުފައްދާފައިވާ "ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު" (އެސް.ޑީ.އެފް) އަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިއީ ޤައުމުގެ މާލީ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސް.ޑީ.އެފް އަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 1.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން، މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 9.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 190 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ސާލިހުގެ ސަރުކާރު ނިމުނުއިރު، އެސް.ޑީ.އެފް އޮތީ ނާޒުކު ފައްތަރެއްގައެވެ. ކުރިން 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި މި ފަންޑުގައި، ވެރިކަން ބަދަލުވިއިރު އޮތީ އެންމެ 2.5 މިލިއަން ޑޮލަރެވެ. މާލީ ވުޒާރާގެ އިސްވެރިން މިއީ ކުރީ ސަރުކާރުގެ އެންމެ ގެއްލުންބޮޑު އެއް މާލީ ތަރިކައިގެ ގޮތުގައި ސިފަކުރައްވައެވެ. މީގެ އިތުރުން، ކްރޮސް-ސަބްސިޑީގެ ދަށުން ފަޅުތަކާއި އެސެޓްތައް ކުއްޔަށް ދީގެން ލިބުނު އާމްދަނީ، މުސްތަޤްބަލަށް ރައްކާކުރުމުގެ ބަދަލުގައި ޓީ-ބިލްތަކަށް އިންވެސްޓްކޮށް، ފަންޑުން އެ ފައިސާ ނެތިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ނޮވެމްބަރު 2023 ގައި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ފަންޑުގައި ހުރި މަދު ފައިސާކޮޅު، ޒިންމާދާރު މާލީ ހިންގުމެއްގެ ދަށުން އަލުން ބިނާކުރުމަށް ވަނީ އިސްކަންދީފައެވެ. މޫޑީސް ފަދަ ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ފާހަގަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އައިއިރު އެސް.ޑީ.އެފްގެ ބެލެންސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ސަރުކާރުން މި އަހަރު ދެއްކި 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް މި ފަންޑުގެ ބޭނުންވަނީ ހިފާފައެވެ. 2016 ވަނަ އަހަރު އުފެއްދި މި ފަންޑަށް އާމްދަނީ ޖަމާވަނީ މައިގަނޑު ތިން ދިމާލަކުންނެވެ.
އެއީ:
1. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޑީ.އެފް).
2. އެމް.އޭ.ސީ.އެލް އިން ދައުލަތަށް ދައްކާ ޑިވިޑެންޑް.
3. އެއަރޕޯޓުގެ ޚިދުމަތްތަކުގެ ފީތަކުން ލިބޭ އިތުރު އާމްދަނީއެވެ.
ސޮވެރިން ފަންޑަކީ އެމް.އެމް.އޭ ގެ ރިޒާވްއާ ތަފާތު، ޤައުމުގެ އިޤްތިސާދީ ރައްކާތެރިކަމަށްޓަކައި ހާއްސަަ ކުރެވިފައިވާ މުހިންމު ވަސީލަތެކެވެ. މި ފަންޑު ހަރުދަނާވުމަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބި، މާލީ ގޮތުން ޤައުމު ބާރުވެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.