ފާފަކުރުން ހުއްޓައިނުލެވޭނަމަ އެކަން ނަމާދާ ޙަވާލުކުރާށެވެ! ނަމާދުތަކަށް ރައްކައުތެރިވާނަމަ ނަމާދުތައް ތިބާއަށްޓަކާ އެކަންކޮށްދޭނެއެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފާފަކުރުން ހުއްޓައިނުލެވޭނަމަ އެކަން ނަމާދާ ޙަވާލުކުރާށެވެ! ނަމާދުތަކަށް ރައްކައުތެރިވާނަމަ ނަމާދުތައް ތިބާއަށްޓަކާ އެކަންކޮށްދޭނެއެވެ!

ބައެއް ފާފަތައް ކުރެވުމުން 40 ދުވަސްވަންދެން އެމީހަކުކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. އެހެންކަމާއިއެކުވެސް އެމުއްދަތުގައި ނަމާދުނުކޮށް ހުރުމަކީ އަދި ވަކިން ބޮޑު ފާފައެކެވެ. މިކަމުންވެސް އެނގިގެންދަނީ ނަމާދުނުކޮށް ނުހުރެވޭނެ ކަމެވެ. އަބަދުވެސް ނަމާދުކުރަން ޖެހޭނެ ކަމެވެ. ފާފަކުރެވުނަސް ނަމާދުކުރަންޖެހޭނެކަމެވެ.  

ދަމުނަމާދުކުރަމުން ދިއަ މީހަކާއިމެދު ބުނެވުނެވެ.  

"މިވެނި މީހާއަކީ ދަމުނަމާދުކުރާ މީހެކެވެ! ނަމަވެސް ހެނދުނުވުމުން އޭނާ ވައްކަން ކުރެއެވެ. ވީއިރު އޭނާގެ ނަމާދުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟"  

އެވަގުތު އެމީހާއަށް ބުނެވުނެވެ. "ކަންބޮޑުނުވާށެވެ! ދާދި އަވަހަށް އޭނާ ވައްކަން ކުރުން ހުއްޓާލައިފާނެތެވެ!"  

ހަމަ ދާދި ކުޑަ ދުވަސްކޮޅެއް ތެރޭގައި އެކަން ފެނިގެންދިއައެވެ. އޭނާ ވައްކަންކުރުން އެކުގައި ހުއްޓައިލިއެވެ. އަދި ފަހުން އޭނާވެގެން ދިއައީ މުޖުތަމައުގައި ހުރި އެންމެ އިތުބާރުކުރެވޭ މީހާއަށެވެ!

ފާފައެއް ކުރެވޭތީ ނަމާދުނުކޮށް ނުހުންނާށެވެ! ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ކުރާށެވެ! ނަމާދުތައް އޭނާއަށް ކުރެވޭ ފާފައިން އޭނާ ސަލާމަތްކޮށްދޭނެތެވެ! ނަމަވެސް އެކަން އެގޮތަށް ވުމަށް އެދޭ މީހާ ޤަވާއިދުކޮށް ނަމާދުކުރުން ވަރަށް މުހިންމެވެ.  

މިކަން ބަޔާން ކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވޭ މީހާވެސް އިޚްލާޞްތެރިކަމާއިއެކުގައި ނަމާދުކުރާނަމަ އެމީހަކަށް ތެދުމަގު ފެނިގެންދާނެ ކަމަށެވެ. ވީމާ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! އަދި މިއީ އެއްވެސް ޙާލެއްގައި ނަމާދުކުރަމުން ފާފަކުރަން ބުނުން ކަމަށް ދެކެގެން ނުވާނެއެވެ. މި ދިން މެސެޖަކީ ފާފަ ކުރެވުނު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ނަމާދުކުރާ ނަމަ އެމީހަކަށް ތެދުމަގު ދައްކަވާނެ ކަމެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

މިއަދު އޮންލައިން