މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގަށް ގެނައި ތަރައްޤީއަކީ މާލެ ސިޓީއަށް ލަފާ ފުރާ ފަރާތްތަކަށާއި، މާލޭގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ތަރައްޤީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގުގެ މަސައްކަތްތައް ނިންމާ އާންމު ދަތުރުފަތުރަށް ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މިއީ މާލޭގެ މަލަމައްޗަށް ތާރީޚީ ބަދަލެއް އައި މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި ބަދަލާއެކު މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި، ރައްޔިތުން ބޭނުންވެފައިތިބި މިފަދަ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއިއެކު، ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، އިޤުތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.