އެމްޑީޕީން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު: ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މިއަށްވުރެ ފަސޭހަ، ފުރުޞަތު ބޮޑު ދުވަސްވަރެއް އަދި ނުފެނޭ! އެމްޑީޕީން ދެއްކީ ހުސްހުވަފެން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 18ސ
އެމްޑީޕީން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު: ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މިއަށްވުރެ ފަސޭހަ، ފުރުޞަތު ބޮޑު ދުވަސްވަރެއް އަދި ނުފެނޭ! އެމްޑީޕީން ދެއްކީ ހުސްހުވަފެން!

ދިވެހި ޒުވާނުންނަށް މިހާރު ފެންނަން އޮތީ އުޖާލާ މުސްތަޤްބަލެއް! އިޤްތިސާދީ ދަތިކަމުގެ ވާހަކައަކީ ސިޔާސީ ގޮތުން ފަތުރާ ދޮގުތަކެއް! ޒުވާނުންނަށް ފުރުސަތުތައް މިހާރުވެސް އޮތީ ފަހިކޮށް! ދަނީވެސް އިތުރަށް ފަހިވަމުން! 

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް އެމްޑީޕީން، މިހާރުގެ ސަރުކާރާ ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ. ރޭ ބޭއްވި "ޖޮބް ބުރާސްފަތި" ޕެނަލް މަޝްވަރާގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސް މަރިޔަމް އީމާ ޝަފީގާއި، ކުރީގެ ޑެޕިއުޓީ އިކޮނޮމިކް މިނިސްޓަރު ރިޔާޒް މަންސޫރު ދެއްކެވި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ސަރުކާރުގެ ކާމިޔާބީތައް ފޮރުވުމަށް ކުރަމުންދާ މަސައްކަތެކެވެ. 

އީމާ ޝަފީގް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ވިޔަފާރި ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، ތަކެތީގެ އަގު އުފުލި "ޕިންކް ޓެކްސް" ގެ ސަބަބުން އަންހެނުންނަށް ބޭނުންވާ ތަކެތި ގަނެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. މީގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާނުވާ ހިސާބުގައި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށް ގޮވާލެއްވުމަކީ ސިޔާސީ ގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރެއްވި ކަމެކެވެ. 

ނަމަވެސް ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުންނާއި ކުދި ވިޔަފާރިތަކަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ފަހި ފުރުސަތުތަކެއް ފަހިކޮށްދެމުންދާ ކަމެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިފްތިތާހުކުރި "ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން" ސްކީމަކީ މީގެ ރަނގަޅު މިސާލެކެވެ. 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ގޮތަށް ހުޅުވާލި މި ފުރުސަތަކީ ޒުވާން ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސްކީމަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޖަވާބު ލިބޭއިރު، މިއީ އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. 

މީގެއިތުރުން ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026" އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް މިހާރުވެސް އޮތީ ހުޅުވާލާފައެވެ. މިއީވެސް ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް ހޯދައިދޭ ފަހި ފުރުސަތެކެވެ. 

ވިޔަފާރިވެރިންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި (ފްރީލާންސަރުން)، އުފެއްދުންތެރިން އަދި ކުންފުނިތަކުން އިތުބާރާއެކު ކުރިއަށް ނިކުމެ، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކޮށް، އާ އުފެއްދުންތައް ތައާރަފުކުރުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވައި އިލްތިމާސްކުރައްވާފައެވެ. 

ޒުވާނުންނަކީ ގައުމުގެ އިގްތިސާދުގެ މައި ތަނބު ކަމަށް ދެކިވަޑައިގެން، "ދަ ޕަލްސް" ޕްރޮގްރާމުގައި ރައީސް ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިގްތިސާދުން ލިބޭ އާމްދަނީއަށް ހެއްދެވުމަކީ އަމާޒެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ޕޭޕަލް ތައާރަފްކޮށް، އޮންލައިންކޮށް މަސައްކަތްކުރާ ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަގުތައް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. 

"މިހުރިހާ ކަމެއް އަދި އާމްދަނީ ހޯދޭނެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކާއި އަމިއްލަ އުފެއްދުންތެރިކަން އިތުރަށް ކުރިޔަށް ގެންދެވޭނެ ގޮތް "ކްރިއޭޓާ އެކޮނޮމީއެއް" ގެ ހަގީގީ ސިފަ ރާއްޖޭގެ އިގްތިސާދުގެ ތެރެއިން އެފަހި ފުރުސަތު ގާއިމުކޮށްދީ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދުގެ ޖީޑީޕީއަށް 15 އިންސައްތަ މަދު ނޫން އަދަދެއް 2030 އަންނަންވާއިރަށް ކޮންޓްރިބިިއުޓްކުރާ ދާއިރާއަކަށް ކްރިއޭޓިވް އިކޮނޮމީއަކަށް ހެދުން." ރައީސް ވިދާޅުވިއެވެ. 

ތައުލީމީ ގޮތުންނާއި ވަޒީފާގެ މާހައުލުގައި ޒުވާނުން ބާރުވެރިކުރުވުމަށް "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ ތަމްރީނު މަޝްރޫއުތައް ދަނީ ބާރުސްޕީޑުގައި ހިނގަމުންނެވެ. އަދި ސިޔާސީ ގޮތުން ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަކީ ގައުމުގެ ނިންމުންތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ޕްލޭނެއް ނެތް ކަމަށާއި އިގްތިސާދު އިނދަޖެހިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ، ސަރުކާރުން ޒުވާނުންނަށްޓަކައި ކުރަމުންދާ އުއްމީދީ މަސައްކަތްތަކުގެ މައްޗަށް ފަރުދާ އެޅުމަށް ދައްކާ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތަކުން ފެންނަނީ ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ކަށަވަރުވެގެންދާ މަންޒަރެވެ.

 

                    

މިއަދު އޮންލައިން