ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާއީ ހަޔާތުގެ އެންމެ ބޮޑު އެއް ބިންގަލަކީ މަސްވެރިކަމުގެ ސިނާއަތެވެ.
ދިވެހިންގެ ލޭނާރުގެ ގޮތުގައި ސިފަކުރެވޭ މި ސިނާޢަތަކީ ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭރު ފައިސާ އެތެރެކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ދިވެހި ތާރީޚުގައި މަސްވެރިންގެ ޚިދުމަތްތައް ފާހަގަކުރުމަށްޓަކައި 1981 ވަނަ އަހަރުން ފެށިގެން ޑިސެމްބަރު 10 ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުނެވެ. ދުވަސްވަރެއްގައި (2010 އިން 2013 އަށް) އޮކްޓޫބަރު 16 ގައި މި ދުވަސް ފާހަގަކުރި ނަމަވެސް، 2013 އިން ފެށިގެން އަލުން އަނބުރާ ޑިސެމްބަރު 10 ވަނީ މަސްވެރިންގެ ޝަރަފުގައި ޚާއްޞަކުރެވިފައެވެ. ދާދިފަހަކާ ޖެހެންދެން ބޮޑެތި މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު މި ސިނާޢއަތް، މިއަދު މިވަނީ ހަރުދަނާ ސިޔާސަތުތަކާއެކު އައު ދިރުމެއް ހޯދުމުގެ މަގުމަތީގައެވެ. 2023 ވަނަ އަހަރު ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވީ ފަހުގެ ތާރީޚެއްގައި ދުށް އެންމެ ދަތި އެއް ދުވަސްވަރެވެ. މަސްވެރިން ބޭނި މަހަށް ލިބެންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެވި ދިގުލައިގެން ދިއުމުގެ ސަބަބުން، މަސްވެރި ޢާއިލާތައް ވަރަށް ބޮޑު މާލީ ކާރިސާއަކަށް ވެއްޓި، މަސްވެރިންގެ އިހުތިޖާޖުތަކާއި ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
ނަމަވެސް، ސަރުކާރުން މި މައްސަލައަށް ޚާއްސަ އިސްކަމެއް ދެއްވައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޤަވާއިދުން ޚަލާސަކުރުމުގެ ހަރުދަނާ އިންތިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން، އެންމެ ފަހުގެ 14 ދުވަހުގެ ތެރޭގައި ދައްކަން ހުރި ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ވަނީ އޮޑިވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްދީފައެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 196 ފަރާތަކަށް ދޫކުރި 32.4 މިލިއަން ރުފިޔާއާއި، މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް 20 ފަރާތަކަށް ޖަމާކޮށްދިން 5.6 މިލިއަން ރުފިޔާ ހިމެނެއެވެ. މިއީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސާބިތުވެ ތިބިކަން ސާބިތުކޮށްދިން މުހިންމު ފިޔަވަޅެކެވެ.
މަހުގެ އަގަށް ގެނެވުނު އިންޤިލާބީ ބަދަލު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެހެން ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިފްކޯއިން ވަނީ ކަޅުބިލަމަސް ގަންނަ އަގުތަކަށް އެދެވޭ ބަދަލުތަކެއް ގެނެސްފައެވެ. ދުނިޔޭގެ ބާޒާރުގެ އޮއިވަރާއި ސަޕްލައިއަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެން އަގު މަތިކުރަމުން ގޮސް (ޖޫން މަހު 20ރ، އޮގަސްޓް މަހު 21ރ، އަދި ސެޕްޓެމްބަރު މަހު 22ރ)، މިހާރު މިވަނީ ބާނާ މަހުގެ މިންވަރަށް ބަލައި އައު ސްލެބް ނިޒާމެއް ތައާރަފުކޮށްފައެވެ. މިގޮތުން:
މި ބަދަލަކީ ގިނައިން މަސް ބާނާ ދޯނިފަހަރަށް އިތުރު ހިތްވަރެއް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރާނެ ކަމެކެވެ. މީގެއިތުރުން، ހއ. އިހަވަންދޫ، ޅ. ފެލިވަރު، މ. މުލައް، ލ. ހިތަދޫ އަދި ގދ. ތިނަދޫ ފަދަ އެކި ސަރަހައްދުތަކުގެ ބަނދަރުތަކުން ފަސޭހަކަމާއެކު މަސް ކިރޭނެ އިންތިޒާމު ހަމަޖެހުމަކީ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އުފުލި، ރަށްރަށުގެ އިޤްތިސާދީ ދައުރުވުން ހަލުވިވެ، ޒުވާނުން މަސްވެރިކަމަށް ޝައުޤުވެރިވުމަށް ފުރުޞަތު ހުޅުވިގެންދެއެވެ.
އޮޕަރޭޝަނަލް ޚަރަދު ކުޑަކުރުމާއި ތެލުގެ ލުއިފަސޭހަކަން މަސްވެރިންނަށް އެންމެ ބޮޑު ހޭދައެއް ހިނގަނީ ތެލަށް ކަމަށްވާއިރު، މި އަހަރުގެ މާރިޗު 23 އިން ފެށިގެން މަސްވެރިންނަށް އެސްޓީއޯގެ ހެޔޮ ރޭޓުގައި ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް މި ލުއި މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް ގެނައުމަށްޓަކައި، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫގައި މިހާރު ވަނީ ފިއުލް ޝެޑްތައް ޤާއިމުކޮށްފައެވެ.
ސަރުކާރުގެ ލަނޑުދަނޑިއަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ފުރިހަމަ ނިޒާމެއް ބިނާކުރުމެވެ.
މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، މަސް ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްތައް ބޮޑުކުރުމާއި، އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. މީގެ މައިގަނޑު އެއް އަމާޒަކީ ރޯމަސް އެކްސްޕޯޓްކުރުން މަދުކޮށް، ރާއްޖޭގައި މަސްެ ޕްރޮސެސްކޮށް އަގުއެއްކުރި (ވެލިއު އެޑެޑް) އުފެއްދުންތަކުގެ ގޮތުގައި ބޭރުގެ މާކެޓުތަކަށް ނެރެ، ޤައުމަށް ލިބޭ ޢާމްދަނީ އެތައް ގުނައަކުން މަތިކުރުމެވެ. މިފްކޯއަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކާއެކުވެސް، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ފައިދާވާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ދިވެހިރާއްޖޭގެ
މަސްވެރިކަމުގެ ސިނާއަތަށް މިހާރު ގެނެވެމުންދާ ހެޔޮ ބަދަލުތަކަކީ މަސްވެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅުތަކެކެވެ. މަހުގެ އަގު އުފުލި، ފައިސާ ލިބުމުގައި ހުރި ހުރަސްތައް ނެތިގޮސް، ތެލާއި އައިސް ފަދަ ޒަރޫރީ ޚިދުމަތްތައް ލުއިފަސޭހަވުމަކީ ދިވެހި މަސްވެރިކަމުގެ މުސްތަޤުބަލު އުޖާލާކޮށްދޭ އަލިގަދަ ހެކިތަކެކެވެ.
ޤައުމުގެ އިޤްތިޞާދީ މައި އެއް ތަނބު ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް މި ސިނާއަތު ވާސިލުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ފުދުންތެރިކަމަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމުގެ ފަހި އުދަރެހެއް މިއަދު މިވަނީ ހުޅުވިފައެވެ.
ސަރުކާރާއި މަސްވެރިންގެ މެދުގައި އޮތް އިތުބާރު އަލުން ބަދަހިވެ، އެންމެން ގުޅިގެން ކުރާ މި މަސައްކަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިޤްތިސާދީ ސިޔާދަތު އިތުރަށް ވަރުގަދަކޮށްދޭނެ މުހިންމު ބާރެކެވެ. ސާބިތުކަމާއެކު މިސްރާބު ހިފާފައި މިވަނީ މަސްވެރިކަމަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާ، ދެމެހެއްޓެނިވި އަދި ތިޔާގި މާދަމާއެއް އޮތް ސިނާއަތަކަށް ހެދުމަށެވެ.