ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.7 އިންސައްތަ ދަށް އަދަދެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކަށެވެ. މީގެ ތެރެއިންވެސް ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް 997.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިޖުތިމާޢީ ދާއިރާއަށް ބަލާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއަށް ކުރި ޚަރަދު 123 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް މިހާތަނަށް 206.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރާ ޚަރަދު މިދިޔަ އަހަރަށްވުރެ ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގައި ޚަރަދުތައް ހަރުދަނާކޮށް ބަލަހައްޓަމުންދާކަމުގެ ނިޝާނެކެވެ. ސަރުކާރުން އަންނަނީ އާންމު އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މިއަދު އޮންލައިން