ބަރުދަން ލުއިކުރުމަށާއި ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަރުދަން ލުއިކުރުމަށާއި ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި

ބަރުދަން ލުއިކުރުމަށާއި ތަފާތު ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އޮތޯރިޓީން މިކަމަށް އިލްތިމާސްކުރީ މިފަދަ އުފެއްދުންތަކުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެތީއެވެ.

އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، ސައިންޓިފިކް ހެކި ނެތް މަޢުލޫމާތު ފެތުރުމަކީ އާންމުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ހާއްސަކޮށް ބަލިމީހުންނާއި މާބަނޑު މީހުންނަށް އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، ސައްޙަ ނޫން މައުލޫމާތަށް ބިނާކޮށް މިފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ ރާއްޖޭގައި ހެދިފައިވާ ގަވާއިދުތަކުން މަނާކަމެކެވެ. ކާބޯތަކެތީގެ ފެންވަރާއި ސިފަތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ސާބިތުނުހިފޭ ދޮގު މައުލޫމާތު ހިމެނޭ އުފެއްދުންތަކުގެ ބަދަލުގައި މިންހެޔޮކޮށް ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމުގެ އާދަ އަށަގަންނުވުމަށް އެމްއެފްޑީއޭއިން ވަނީ ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން