'ޕޮލިސް މެމޯރިއަލް ޑޭ'ގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، ދުއާއެއް ކުރުން އޮތެވެ. މީގެ އިތުރުން، ޝަރަފުގެ ގާޑެއް މެމޯރިއަލް ވޯލްގައި މައުންޓްކޮށް، މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެއެވެ.
ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޡިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިޞްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާޤް، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޟަމީރެވެ.
މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު އާކުރެެއެވެ. އެ ފަރާތްތަކަކީ ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް، ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން، ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު، ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް އަދި ސާޖަންޓު މުޙައްމަދު އަރުޝަދެވެ.
މީގެ ތެރޭގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ވެސް ހިމެނެއެވެ. އަޙްމަދު ޢާސިފް ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަހްމަދު ޢާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.
ހަބަރު: ސަރުކާރު