ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މުޖުތަމައުން އެކަހެރި ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު މުޖުތަމައުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެރޭ މެންދަމުން އަލިވެ 3:47 އެހައިކަންހާއިރުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ޖުލައި 22 ވަނަ ދުވަހުގެ ރޭވެސް ހަމަ އެ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.