ތިން ދާއިރާއަކުން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހާމަކޮށްފިއެވެ. އެމްއެންޔޫއިން ވިދާޅުވި ގޮތުގައި މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހި ސަޤާފަތާއި ތާރީޚު، ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާއިންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައި ކަމަށެވެ. މީގެ އިތުރުން މާސްޓަރސް ފެންވަރުގެ އައު ކޯސްތަކެއްވެސް މި އިންޓޭކުގައި ފެށުމަށް ވަނީ ނިންމާފައެވެ.
ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އަލަށް ފަށާ ކޯސްތަކަކީ ދިރާސާ ކުރުމާއި، ފަންނީ ތައުލީމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ބައްޓަންކޮށްފައިވަނީ ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން ތައުލީމީ ބޭފުޅުންނާއި ދިރާސާވެރިން ބިނާކުރުމުގެ މަޤުސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ކޯސްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް. މި ކޯސްތައް ފަރުމާކޮށްފައިވާ ގޮތުން ޤައުމުން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެެގެން ޕީއެޗްޑީ ހާސިލުކުރެވޭނެ،" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
މި ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މިއީ ޔުނިވަރސިޓީގެ ތާރީޚުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ. މި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތްތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން ހާމަކުރާނެ ކަމަށްވެސް އެމްއެންޔޫއިން ބުނެފައިވެއެވެ.