ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް އައު ބޭފުޅުން އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މި ބަދަލުތައް ގެނެސްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އެވެ. ޣާޒިޔާއަކީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، ފިސްކަލް ރިސްކް އެނަލިސިސް އަދި ސަރުކާރުގެ ފައިނޭންސިންގ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޑެޓް މެނޭޖްމަންޓުގެ މަގާމާއި، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމުގައެވެ.
ބީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވީ ސ. ހިތަދޫ، މީނާޒް، އީނާސް ނަޞީރު އެވެ. އީނާސް އަކީ ދައުލަތުގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، މާލީ މެނޭޖުމަންޓާއި، ބަޖެޓިންގ އަދި ފައިނޭންޝަލް ރިޕޯޓިންގ ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެކެވެ. އޭނާ މިހާރު ފުރަވަމުންދަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމެވެ.
މީގެއިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެމްބަރުކަމަށް އައްޔަންކުރެއްވީ ހއ. ތަކަންދޫ، ރަތްވިލާގެ، ޙުސައިން ޢަބްދުލްވާޙިދު އެވެ. ޙުސައިން ޢަބްދުލްވާޙިދަކީ އެކައުންޓިންގ، އޮޑިޓިންގ އަދި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.