ޢިލްމާއި ހުނަރު ހުރިހާ ރައްޔިތުންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށެވެ. އަދި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށްޓަކައި "މޯލްޑިވްސް 2.0" އަކީ މުހިއްމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، އެކަމަށް ރައްޔިތުން އަހުލުވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ކެމްޕޭނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ނަތީޖާއަކަށް ވާނީ ދިވެހިންނަކީ ޑިޖިޓަލް ކަންކަމަށް އަހުލުވެރި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރާނެ ޢިލްމީ އާބާދީއަކަށް ވުން ކަމަށެވެ. "ރާއްޖޭގެ ކޮންމެ ރައްޔިތަކީ އެހީތެރިކަން ދީގެން ޑިޖިޓަލް ނިޒާމްތައް ބޭނުންކުރެވޭނެ ހަމައަށް ގެންދިޔުމަކީ އަމާޒެއް،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި މުޖުތަމަޢުގައި ޚިދުމަތް ކުރުމުގެ ހަމަހަމަ ފުރުޞަތުތައް މި ނިޒާމުގެ ތެރެއިން ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، ކުދިކުދި ތަމްރީނުތަކާއި ހުނަރުތައް އެއްކޮށްލައިގެން ރަސްމީ ސެޓްފިކެޓެއް ހާސިލްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ހާމަކުރައްވާފައެވެ.