ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0" ގެ ދަށުން، ގައުމީ ޑިޖިޓަލް އަދި އޭއައި ލިޓަރެސީ ކެމްޕޭން "ޑިޖިޓަލް ފޯރ އޯލް" ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އިސްމާއީލް ޝަފީއު އެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤުސަދަކީ، ހަލުވިކަމާއެކު ޑިޖިޓަލީ ކުރިއަރަމުން އަންނަ މުޖުތަމައެއްގައި ކޮންމެ ދިވެއްސަކަށް ވެސް ޔަގީންކަމާއި، ރައްކާތެރިކަމާއިއެކު ބައިވެރިވެވޭނެ ޤާބިލްކަން އަށަގަތުމެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ބޭނުންވާ އަސާސީ ޑިޖިޓަލް ހުނަރުތައް އުނގަންނައިދީ، ރައްޔިތުން ބާރުވެރިކުރުވުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.
މި ކެމްޕޭނަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ބޮޑު ހަރަކާތެކެވެ. މި މަސައްކަތް އަމަލީގޮތުން ހިންގުމަށް ހަމަޖެހިފައިވަނީ މައިންޑްކޯގެ އުނގެނުމާއި ޤާބިލުކަން އިތުރުކުރުމާ ބެހޭ ގޮފި ކަމުގައިވާ ފިއުޗަރ އިންސްޓިޓިއުޓްއިންނެވެ.
މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މައިންޑްކޯ އާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ފަންނީ ގޮތުން އެހީތެރިވެދީ، މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންގިލާބުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކެމްޕޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، "އުއްމީދު ކުރަނީ މި މަޝްރޫޢުގެ ސަބަބުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި މުޢާމަލާތްތައް ކުރުމުގައި އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާ މިންވަރު ކުޑަވެ، ކުރިއަށް އޮތް ޖީލުތަކަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދެވިގެން ދިޔުން" ކަމަށެވެ.