ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ މާލީ ބަޔާން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާތީ މި ތިން ޕާޓީ ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން އެމްއެންޕީ އާއި އަދާލަތު ޕާޓީން މިހާތަނަށް އެއްވެސް ވަރަކަށް މާލީ ބަޔާން ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން މާލީ ބަޔާން ހުށަހަޅާފައިވީ ނަމަވެސް، އެ ޕާޓީން ބަޔާން ހުށަހަޅާފައިވަނީ ކަނޑައެޅިފައިވާ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ކޮންމެ އަހަރެއްގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ.
މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާއި މާލީ ބަޔާންތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހަށެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ މި މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅާ ކޮންމެ ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެކަންޏެވެ.