ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފި

ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި ރުއްތަކަށް ހުދުކޫޑީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޚާއްޞަ ތަޖުރިބާތަކެއް ކޮށްފިއެވެ. މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން، ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ތަޖުރިބާތަކުގައި ބޭނުންކޮށްފައިވަނީ ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ރާއްޖެ ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓްތަކެވެ. މި ޕެސްޓިސައިޑް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމަށް ކުރި މަސައްކަތުން އީޖާބީ ނަތީޖާތަކެއް ލިބިފައިވާތީ، މިހާރު ވަނީ ރަށްރަށުގެ ކައުންސިލްތަކަށް މި ޕެސްޓިސައިޑް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ރަށެއްގައި ހުރި ރުއްތަކުގެ ޢަދަދަށް ބަލައި، ކައުންސިލްތަކަށް ޕެސްޓިސައިޑް ޕަކެޓް ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެންމެ ފުރަތަމަ ޕެސްޓިސައިޑް ޙަވާލުކޮށްފައިވަނީ ހއ. ބާރަށު ކައުންސިލާއެވެ. އެ ރަށުގައި މިހާރު ވަނީ ރުއްތަކަށް ޕެސްޓިސައިޑް ޖެހުމުގެ ޢަމަލީ މަސައްކަތްވެސް ކުރިއަށްގެންގޮސްފައެވެ.

މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ޕެސްޓިސައިޑް ޙަވާލުކުރުމުގެ ސިޓީތައް މިހާރު ވަނީ ފޮނުވާފައެވެ. މިއަތޮޅުތަކުގެ ރަށްތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. އެހެން އަތޮޅުތަކުގެ ރަށްތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންނެވެ.

މީގެ އިތުރުން، ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން އެކަން ޙައްލުކޮށްދިނުމަށް އެދިފައިވާ ލ. ކަލައިދޫ، ގދ. ފިޔޯރީ، އަދި އައްޑޫސިޓީ މީދޫ ކައުންސިލަށްވެސް ޕެސްޓިސައިޑް ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. އިތުރު އަތޮޅުތަކަށް މި ތަކެތި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން