ދައުލަތުގެ ބޭސްފަރުވާގެ ނިޒާމު، އާސަންދަ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ފާމަސީތަކުން ހުށަހަޅާ ބިލްތަކަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނީޔާ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒީނީޔާ ވިދާޅުވީ، އާސަންދަ ބަޖެޓުގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް ހޭދަވަނީ ފާމަސީތަކަށް ކަމަށެވެ.
ޒީނީޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާމަސީތަކުގެ އިތުރުން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އާސަންދަ ސްކީމުގެ ދަށުން ފައިސާ ދައްކަނީ ހަމައެކަނި ޕްރައިވެޓް ސެކްޓަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށްޓަކައި އާސަންދައިން މިހާރުވެސް ބޭރުގެ 57 ހޮސްޕިޓަލަކާއެކު އެއްބަސްވުން ހަދާފައިވެއެވެ. މީގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ތައިލޭންޑް އަދި ޔޫއޭއީގެ ހޮސްޕިޓަލްތައް ހިމެނޭކަން ކުންފުނިން ހާމަކުރެއެވެ.
އާސަންދައިން ބޭރުގެ ހޮސްޕިޓަލްތަކާއެކު އެއްބަސްވުންތައް ހަދަނީ ޚިދުމަތުގެ ފެންވަރާއި އަގުތަކަށް ބެލުމަށްފަހުގައެވެ. މިގޮތުން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުރި ތަންތަނަށް އިސްކަންދޭކަމަށް އެ ކުންފުނިން ބުނެއެވެ.
އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ކުރުމަށް ހިނގާ ޚަރަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާކަން ފާހަގަކޮށް، ޚަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.