ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހު ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއް ކަމަށެވެ.
މި ޚިދުމަތަކީ މައިގަނޑު ގޮތެއްގައި އެމަޖެންސީ މެޑިކަލް ސަރވިސަސް އާއި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ފަށާ ޚިދުމަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުގެ ސަބަބުން ބަލިމީހުން އުފުލުމުގައާއި ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދިއުމެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކަށް ރޭގަނޑު ދަތުރުނުކުރެވޭތީ ދިމާވާ ގޮންޖެހުންތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބޭނެއެވެ. "ރެޔާއި ދުވާލު އަދި ކޮންމެ މޫސުމެއްގައިވެސް ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މިކަމުގެ މައިގަނޑު މަގްސަދު،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މިހާރު ވަނީ ނިމިފައެވެ. އޮގަސްޓު މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ދެން ކުރިއަށްދާނީ އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ ގާނޫނީ މަސައްކަތްތައް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެނެސް، ފަތުރުވެރިން އުފުލުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން އިސްކަންދޭއިރު، ހެލިކޮޕްޓަރުގެ ޚިދުމަތަކީ މުޅި ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.