ޅ. ނައިފަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދިޔަ ބިޔަ މަޝްރޫއުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި މަޝްރޫއަކީ ނައިފަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުން ޖުމްލަ 45 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި ވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށްޓަކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިލުމުގެ އިތުރުން 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ނައިފަރަކީ 5000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ، އަދި ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފުޅާކުރުމެވެ.