ށ. ފުނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް "އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން" ގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ މިންވަރު އިތުރުކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ގާއިމުކޮށްދިނުމެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ 18 – 20 އޮގަސްޓް 2026 އަށެވެ.
މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށެވެ.
އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ސަރުކާރުގެ އަމާޒަކީ އަންހެނުންގެ އަމިއްލަ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދީ، ސިޔާސީ އަދި އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. ށ.ފުނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރުވަނަ ޕްރޮގްރާމެވެ. މީގެ ކުރިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހއ. ދިއްދޫ، އަދި އދ.މަހިބަދޫގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ޕްރޮގްރާމުގައި ރަޖިސްޓަރވުމަށް: https://forms.gle/cJorCze6dUrj9sVg6