އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން 16 މިސްކިތަކާއި ޤުރްއާން މަރުކަޒުގެ ގޮފީގެ ދެ މަޝްރޫޢެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން މި މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ މިސްކިތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުން،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ ވަޤުފު މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ. އެގޮތުން އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.