ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިޔަން ރުފިޔާ ނުވަތަ %7.7 އިތުރުވެފައެވެ. މީގެ އިތުރުން، ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 16 ޖުލައި 2025 އާ ހަމައަށް ލިބުނު 15.8 ބިލިޔަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ %11.3 ގެ ކުރިއެރުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ އެމުއްދަތުގައި ލިބުނު 21.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.9 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، 438.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 190.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު %130.3 ގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދަށްވެފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް ފާހަގަކުރެވިފައިވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ %16 ގެ އިތުރުވުމެކެވެ.