ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި، ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ބޭނުންކުރުމަށް އެ ބޭންކުން ނިންމައިފިއެވެ. މިއީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ޚިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު ޕްލެޓްފޯމާއެކު ބީއެމްއެލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެއެވެ. ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން ކުރިއަށްވުރެ އަވަސްވެގެންދާނެއެވެ.
ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކަށް ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި، އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް މެދުނުކެނޑި ޚިދުމަތް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ރިލޭޝަންޝިޕް މެނޭޖަރުންނަށް އީޖާދީ ޚިދުމަތްތައް ދިނުމަށް މަގުފަހިވެ، އިސްލާމިކް ބޭންކިންގގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަނީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތަޢާރަފުކޮށް، ކަސްޓަމަރުންނަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ފިނަސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ."
މި ބަދަލާއެކު ބީއެމްއެލްގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، ރާއްޖޭގެ ބޭންކިންގ ދާއިރާގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.