ސަރުކާރުގެ މައި ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އައިނު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ޚިދުމަތް މިހާރު ދެމުންދަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ މައި ހޮސްޕިޓަލުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް އައިނު ހައްދައި ހަވާލުކޮށްފައިވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުންނެވެ. އެގޮތުން އައިޖީއެމްއެޗުން 12,507 އައިނު ދޫކޮށްފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލުން 8,247 އައިނު ވަނީ ދޫކޮށްފައެވެ.
މި ޚިދުމަތަކީ އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދޭނެ މަގު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ފެށި ޚިދުމަތެކެވެ. މި މަޝްރޫއުގެ ސަބަބުން އައިނު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަވެ، ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.