ފަށްކުރުމެއް!: ރަސޫލް ޞޢވ ދެވަނަ މަންމަގެ ދަރަޖަ ދެއްވެވި، އެކަމަނާގެ މަންޒިލަކީ ސުވަރުކަމަށް ޙަދީޘްކުރެއްވެވި ކަމަނާގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 11މ 8ސ
ފަށްކުރުމެއް!: ރަސޫލް ޞޢވ ދެވަނަ މަންމަގެ ދަރަޖަ ދެއްވެވި، އެކަމަނާގެ މަންޒިލަކީ ސުވަރުކަމަށް ޙަދީޘްކުރެއްވެވި ކަމަނާގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް  

އެކަމަނާވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم  ގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނަށް ޚިދުމަތްކުރައްވައިފައެވެ. އެކަލޭގެފާނުގެ ބަފައިކަލުން ޢަބްދުﷲގެފާނަށް ޚިދުމަތްކުރައްވައިފައެވެ. އެކަލޭގެފާނުގެ މައިކަނބަލުން އާމިނަތުގެފާނަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފު ހާސިލުކުރައްވައިފައެވެ.  

އަދި އެކަމަނާވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މައިކަނބަލެއްގެ ލޯބިފުޅު ދެއްވައި އެކަލޭގެފާނު ތަރްބިއްޔަތު ކުރެއްވުމުގައި ޚާއްޞަ އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އާދެ މިދެންނެވި ކުރު ތަޢާރަފުގައިވާ މަތިވެރި ޝަޚްޞިއްޔަތަކީ އުއްމު އައިމަން ރަޟިޔަﷲ ޢަންހާއެވެ. 

އުއްމު އައިމަން ރަޟިޔަﷲ ޢަންހާއަކީ ޙަބުޝްކަރައިގެ ބޭކަނބަލެކެވެ. އެކަމަނާގެ ފުރިހަމަ ނަންފުޅަކީ ބަރަކާ ބިންތި ޘަޢުލަބާއެވެ. ނަމަވެސް އިސްލާމީ ތާރީޚުގައި އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ އުއްމު އައިމަންގެ ނަންފުޅުންނެވެ. އެކަމަނާގެ މަޝްހޫރު ލަޤަބުފުޅުތަކުގެ ތެރޭގައި ޙަޟާނަތު ރަސޫލު صلّى اللّـه عليه وسلّم އާއި މައުލާ ރަސޫލު صلّى اللّـه عليه وسلّم  ހިމެނެއެވެ.

އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ނުހަނު ޅަ އުމުރުފުޅެއްގައި ހައްޔަރު ކުރެވި މައްކާގެ އަޅުންގެ ބާޒާރުގައި ވިއްކައިލެވުނެއެވެ. އެކަމަނާގެ ނަސީބުފުޅުގެ ތަރި ހުރީ މެދު އުޑުގައި ފިޔަޖަހަޖަހައެވެ. އެ ބާޒާރުން އެކަމަނާ ބައްލަވައިގަތީ ޤުރައިޝުންގެ ރަޢީސްގެ ދަރިކަލުން ޢަބްދުﷲ ބިން ޢަބްދުލްމުއްޠަލިބެވެ. އޭގެފަހުން އެކަމަނާ އުޅުއްވީ ޢަބްދުﷲގެފާނާއި އާމިނަތުގެފާނުގެ ޚިދުމަތުގައެވެ. ޢަބްދުﷲގެފާނު ކުރެއްވި ވިޔަފާރި ދަތުރުފުޅެއްގައި މަދީނާއާ ހަމައަށް ވަޑައިގެންނެވުނުތަނާ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެ އާލާސްކަންފުޅުގައި އެކަލޭގެފާނު އަވަހާރަވުމުން އާމިނަތުގެފާނަށް ލިބިވަޑައިގެންނެވި ފުންހިތާމަފުޅުތައް ލުއިކޮށްދެއްވުމުގެ އެންމެ މުހިންމު އެއް ބައިވެރިއަކީ އުއްމު އައިމަން ރަޟިޔަﷲ ޢަންހާއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ މައިކަނބަލުންނަށް އެކަމަނާ އާލާސްވެއިންނެވި ދުވަސްވަރު ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަމަނާގެ ބަނޑުފުޅުން ފާޅުވި ނޫރެއްގެ އަލިގަދަކަމުން މައްކާގެ ވަށަވަށައިގެންވާ ފަރުބަދަތަކާއި ވާދީތައްވެސް އަލިކުރީތީއެވެ. މި ހުވަފެންފުޅު އާމިނަތުގެފާނަށް ތަޢުބީރުކޮށްދެއްވަމުން އުއްމު އައިމަން ވިދާޅުވިއެވެ.  

[ސާހިބާ ރައްކައުވާނީ ބަކާތްތެރި ކުއްޖެކެވެ. ހެޔޮކަމެއްނޫނީ އެދަރިކަލުން ނުގެންނަވާނެއެވެ.]  

އުއްމު އައިމަން ރަޟިޔަﷲ ޢަންހާ، އާމިނަތުގެފާނު އާލާސްވެއިންނެވި ދުވަސްވަރު އެކަމަނާގެ ޚިދުމަތުގައި ރެޔާދުވާ ހޭދަކުރައްވަމުން ގެންދެވިއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم  އާގެ އާމިނަތުގެފާނު ރައްކައުވިރޭ އެކަމަނާގެ އަރިހުގައި އުއްމު އައިމަން ރަޟިޔަﷲ ޢަންހާ އިންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެންމެ ފުރަތަމަ އުރުވަޑުވައިލެއްވުމުގެ ޝަރަފުވެސް ލިބިވަޑައިގަތީ އުއްމު އައިމަނަށެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އުމުރުފުޅުން ހަ އަހަރުފުޅުގައި އާމިނަތުގެފާނު އެކަމަނާގެ މަރުޙޫމު ފިރިކަލުންގެ މަޒާރަށް ޒިޔާރަތް ކުރެއްވުމަށް މަދީނާއަށް ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި އުއްމު އައިމަން ރަޟިޔަﷲ ޢަންހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިދަތުރުފުޅު ނިންމަވައިލައްވައި މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އާމިނަތުގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. އެ އާލާސްކަންފުޅުގައި އެކަމަނާ އުއްމު އައިމަނަށް ވިދާޅުވިއެވެ.  

[އޭ ބަރަކާއެވެ. އަހަރެންގެ ދަރިފުޅަށް މަންމައެއްގެ ލޯބި ފުރިހަމައަށް ދެއްޗެވެ. ނަމަނަމަ އޭނާ ދޫކޮށްނުލައްޗެވެ.]  

އާމިނަތުގެފާނު އަވަހާރަވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މައުސޫމު ހިތްޕުޅަށް ލިބިވަޑައިގަންނަވާނެ ހިތާމަފުޅުތައް އެއީ ދުލަކުން ޤަލަމަކުން ބަޔާން ކުރެވޭނެ ކަމެއްނޫނެވެ. އެ ދަނޑިވަޅުގައި އުއްމު އައިމަން ރަޟިޔަﷲ ޢަންހާ، އެ ތުއްޕުޅު ދަރިކަލުންނަށް ހިތްވަރު ދެއްވިއެވެ. އެމާތް ހިތްޕުޅަށް ލިބިވަޑައިގެންފައިވާ ވޭންތައް ލުއިކޮށްދެއްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އާމިނަތުގެފާނު އަވަހާރަވުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އާ އުއްމު އައިމަން ދިރިއުޅުއްވަމުން ގެންދެވީ ޢަބްދުލްމުއްޠަލިބުގެފާނުގެ އަރިހުގައެވެ. އެކަލޭގެފާނުގެ އޯގާވެރިކަމާއި އިނާޔަތުގެ ދަށުގައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އުމުރުފުޅުން ނުވަ އަހަރުފުޅުގައި އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނު އަވަހާރަވުމުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ހިތްވަރު ދެއްވައި މަސަލަސް ކުރެއްވީ އުއްމު އައިމަން ރަޟިޔަﷲ ޢަންހާއެވެ. އުއްމު އައިމަން ރަޟިޔަﷲ ޢަންހާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އަޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވަނީ އެކަމަނާ މިނިވަންކުރައްވައިފައެވެ. ނަމަވެސް އެކަމަނާގެ އުމުރުފުޅުގެ ދުވަސްތައް ހޭދަކުރެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައެވެ. 

އުއްމު އައިމަން ރަޟިޔަﷲ ޢަންހާ އެކަމަނާގެ ޒުވާން ދުވަސްވަރު އެއްކޮށް ހޭދަކޮށްލެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚިދުމަތުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ކާވެނިކުރެއްވުމަށް ދާންދެން އެކަމަނާވެސް މީހަކާ ކާވެނިފުޅުގެ ގޮތުން ގުޅިވަޑައެއް ނުގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޚަދީޖަތުގެފާނާ ކާވެނިބެއްލެވުމަށްފަހު އެކަމަނާ މީހަކާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވުމަށް ބާރުއަޅުއްވަމުން ގެންދެވިއެވެ.  މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު އެކަމަނާއާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. 

[އޭ މަންމާއެވެ. މިހާރު އަޅުގަނޑު މިހުރީ ކާވެނިކޮށްގެންނެވެ. އަދިވެސް މަންމަ ތިޔަ ހުންނެވީ ކާވެނިވެސް ނުބައްލަވައެވެ. މީހަކު އައިސް މަންމަގެ ކާވެންޏަށް އެދެފި ނަމަ މަންމަ ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟]

އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ޖަވާބު ދެއްވިއެވެ. [އަޅުގަނޑު ދުވަހަކުވެސް ދަރިފުޅު ދޫކޮށްފައި ނުދާނަމެވެ. ދުވަހަކުވެސް މަޔަކު ދަރިޔަކު ދޫކޮށްފައި ދޭ ހެއްޔެވެ؟] 

އުއްމު އައިމަން ރަޟިޔަﷲ ޢަންހާގެ ވާހަކަފުޅު އަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޚަދީޖަތުގެފާނަށް ދެންނެވިއެވެ. [މިއީ ބަރަކާއެވެ. އަހަރެންގެ އުފަން މަންމައަށްފަހު މިއީ އަހަރެންގެ މަންމައެވެ. އަހަރެންގެ އާއިލާގެ މީހުންގެ ތެރެއިން މިހާރު ބާކީ އިނީވެސް މިކަމަނާ އެކަންޏެވެ.] 

ޚަދީޖަތުގެފާނު، އުއްމު އައިމަންއަށް ދެންނެވިއެވެ. [ބަރަކާއެވެ. ކަމަނާގެ ޒުވާން ދުވަސްވަރު މުޙައްމަދަށްޓަކައި ހޭދަކުރައްވައިފީމުއެވެ. އެކަލޭގެފާނާއި އަޅުގަނޑަށްޓަކައި، މުސްކުޅިވުމުގެ ކުރީން ކަމަނާވެސް ކާވެނިކުރައްވަންވީއެވެ.] 

އޭގެ ދެކަނބަލުންގެ ވާހަކަފުޅު އަޑުއައްސަވައި އުއްމު އައިމަން ރަޟިޔަﷲ ޢަންހާ މަދީނާގެ ޚަޒުރަޖުވަންހައިގެ ޢުބައިދު ބުނު ޒައިދު އާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެކަމަނާ ދިރިއުއްވަމުން ގެންދެވީވެސް މަދީނާގައެވެ. އެކާވެނިފުޅަށް އައިމަން އޭ ކިޔުނު ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެކާވެނިފުޅު ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ޢުބައިދު ނިޔާވެއްޖެއެވެ. އޭގެފަހުން އެކަމަނާގެ ދަރިކަލުން އައިމަންއާއެކު މައްކާއަށް ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އާ އެކު ޚަދީޖަތުގެފާނުގެ ގެކޮޅުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ރަސޫލުކަން ލިބިވަޑައިގެންނެވުމުން އެންމެ ފުރަތަމަ އިމާންވެވަޑައިގެންނެވި ބޭކަނބަލުންގެ ތެރޭގައި އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންގެ ގާތުގައި ޙަދީޘް ކުރެއްވިއެވެ. [ތިޔަބޭކަލުންގެ ތެރެއިން މީހަކު، ސުވަރުގެވަންތަވެރި ބޭކަނބަލަކާ ކާވެނި ކުރަން ބޭނުންނަމަ އުއްމު އައިމަންއާ ކާވެނި ކުރާހުށިކަމެވެ.] މިއަޑު އައްސަވައި ޒައިދުގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. އެކާވެނިފުޅުން އުސާމަތު ބިން ޒައިދު ރަޟިޔަﷲ ޢަންހު ލިބިވަޑައިގެންފިއެވެ. 

އުއްމު އައިމަން ރަޟިޔަﷲ ޢަންހާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަމަނާގެ އުމުރުފުޅު ހަތްދިހައާ ގާތް ކުރެއެވެ. އެކަމަނާ މަދީނާއަށް ވަޑައިގެންނެވިއިރު އެކަމަނާގެ ފައިންޕުޅު ހުރީ ދުޅަވެފައެވެ. މޫނުފުޅާއި ހަށިކޮޅުވަނީ ހިރަފުހުން ތަތްތެޅިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މި މަންޒަރު ފެނިވަޑައިގެންނެވުމުން ވަޑައިގެން އެކަމަނާގެ މޫނުފުޅުގައި އަތްޕުޅު ބީއްސަވައި ހިރަފުސްތައް ފޮޅުއްވައިދެއްވިއެވެ. ކޮނޑުފުޅާއި ފައިންޕުޅުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [އޭ މަންމާއެވެ. އޭ މަންމާއެވެ. މަންމަގެ މަންޒިލަކީ ސުވަރުގެއެވެ.]

އުއްމު އައިމަން ރަޟިޔަﷲ ޢަންހާގެ ހިތްޕުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މައްޗަށް އޮންނަނީ ދަރިކުލުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ހަނގުރާމައަކަށް ވަޑައިގެންނެވިޔަސް އެކަމަނާ އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަންނަވައެވެ. މަޔަކު ދަރިޔަކަށް ފާރަވެރިވެ ބަލާ ފަދައިން އެކަމަނާ ހަނގުރާމައިގެ މައިދާނުގައި ހުންނަވައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙާލުކޮޅު ބައްލަވައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ވެސް އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާއާއެކު ސަމާސާފުޅު ކުރައްވައި ހައްދަވައެވެ. އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. އުއްމު އައިމަން ރަޟިޔަﷲ ޢަންހާ އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ސަވާރުވާނެ އެއްޗެއް ދެއްވާށެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم  ސަމާސާ ކުރެއްވުމުގެ ގޮތުން ވިދާޅުވިއެވެ. [އަޅުގަނޑު ކަމަނާއަށް ޖަމަލެއްގެ ދަރިއެއް ދީފާނެމެވެ.] އެކަމަނާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ޖަމަލެއްގެ ދަރިއަކުން ހިފޭނީ ކޮން ބޭނުމެއް ހެއްޔެވެ؟ އެޔަށް އަޅުގަނޑުގެ ބަރުވެސް އުފުލޭނީކީ ނޫނެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ޖަމަލުގެ ދަރި އެއީ ހަމަ ޖަމަލެއް ނޫތޯއެވެ؟]

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ގެ އަރިހަށް ވަޑައިގެން އެކަމަނާގެ ޙާލުކޮޅު އެއްސެވުމުން އެކަމަނާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އިސްލާމްދީން ރަނގަޅު ގޮތުގައި އޮތްހާ ހިނދަކު އަޅުގަނޑުގެ ޙާލު ރަނގަޅުވާނެއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގަތުމުން އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު އެކަލޭގެފާނުގެ ޚަލީފާވެރިބޭކަލުން އެކަމަނާގެ ޙާލުކޮޅު ބެއްލެވިއެވެ. އެކަމަނާއަށް އޯގާތެރިވެވަޑައިގެން ހެޔޮފުޅުކޮށް ހިތްތެވިއެވެ. ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ފުރައުއްތަވީ އަމީރުލްމުއުމިނީން ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. 

އަރަހުށި މާތްﷲ، އެކަމަނާއަށް ރުއްސުންލައްވާށިއެވެ.

 

- ލިޔުނީ: ޢަލީ އިޙްޞާން ފިޜާޤް

މިއަދު އޮންލައިން