މަންމައަށް ޖިސްމާނީ އަނިޔާކުރާނަމަ ބޮޑެތި ދަރިން ބަލާކަށް ނުތިބޭނެ! ދެދެރަ ލިބެން ބޭނުން ނޫންނަމަ އޮތީ އެޙާލަތަށް ކަންކަން ދިއަ ނުދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މަންމައަށް ޖިސްމާނީ އަނިޔާކުރާނަމަ ބޮޑެތި ދަރިން ބަލާކަށް ނުތިބޭނެ! ދެދެރަ ލިބެން ބޭނުން ނޫންނަމަ އޮތީ އެޙާލަތަށް ކަންކަން ދިއަ ނުދިނުން!

ފުރަތަމަ މިކިޔައިދެނީ ޙާދިސާއެކެވެ. ދެމަފިރިންގެ ކައިވެންޏަށް 30 އަހަރެވެ. 25 އަހަރާއި 18 އަހަރާއި ދެމެދުގެ 5 ދަރިން ތިބެއެވެ. ދޮށީ 2 ފިހެންކުދިންނެވެ.  

އެއްރެއެކެވެ. މަންމަ ހުރީ ބަދިގެ ތެރޭގައެވެ. ކުދިންނަށް އިވެނީ ބައްޕަ އަޑުގަދަކުރާ އަޑާއި މަންމަ ރޯއަޑެވެ. 5 ކުދިން އެކުގައި ދިއައިރު އާދައިގެ މަތިން މަންމަ ބިރުން ތެޅިފޮޅެނީއެވެ. މޭތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ.

ދެ ފިރިހެން ދަރިން ބައްޕަގެ ކުރިމައްޗަށް އަރާފައި ބުނީ މަންމަގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓެން ދެން ދޫކޮށްނުލާނެ ކަމަށެވެ. "ބައްޕާއެވެ! އެންމެ ކުޑައިރުންސުރެ ހުރިހާ މަންޒަރުތަކެއް ފެނެއެވެ. މަންމައަށް އަނިޔާކުރާތަން ފެނެއެވެ. އަނިޔާވުމުން ހަށިގަނޑުގައި ހުންނަ ފާހަގަތައްވެސް ފެނެއެވެ. އެކަންކަމުން މަންމައަށް އަޅާ ވޭންވެސް އިޙްޞާޞްކުރެވެއެވެ.  

ޖިސްމާނީ އަނިޔާއަށްވުރެ ބޮޑީ ނަފްސާނީ މައްސަލަތަކެވެ. ބައްޕަ އަބަދު އެއްޗެތި އުކުމާ ތަށިތެޅުމާ މިހެންގޮސް ނުކުރާ ކަމެއް ނެތުމުން މިހާރު މަންމަގެ ޙާލު އެނގޭހެއްޔެވެ؟ ކާން ތިބެފައި އަހަރެމެން ކުއްޖެއްގެ އަތުން ސަމުސަލެއް ވެއްޓޭ އަޑު އިވުނަސް މަންމަ އެދަނީ ސިއްސައިގެންނެވެ. ބިރުން ވިރިގެންނެވެ.   

މިހާރުވެސް މިބުނަނީއެވެ! ތިއައީ ބައްޕައެވެ. ބައްޕަ ކަމަށްވުމަކީ މަންމަ މަރާލަން ދޫކޮށްލައިގެން ތިބެވޭނެ ސަބަބެއް ނޫނެވެ. ވީމާ ބައްޕަ އިޞްލާޙްވާށެވެ. ނުވާނަމަ ބައްޕައަށް ޖެހޭނީ އަހަރެމެން 5 ބެއިންނާ ކުރިމަތިލާށެވެ!"

ބައްޕަ ދިއައީ ފުންމައިގެންނެވެ. "ބަލަ ކަލޭމެންނަށް ހުރިހާ ޚަރަދުތަކެއްކޮށްދީ އެންމެ މައްޗަށް ކިޔަވައިދިނީމަ ދައްކަން އޮތް ވާހަކައަކީ ތިއައީތަ؟ އެއީ އަހރެންގެ އަނބިމީހާއޭ! އަހަރެން ޕްރެޝަރަށް އެރީމާ ކަމެއް ކުރެވުނަސް އަހަރެން އަހަރެންގެ އަނބިމީހާ ދެކެ ލޯބިވަމޭ!"  

ދަރިން އެދުނީ އެގޮތަށް ލޯބިނުވުމަށެވެ. އިންސާނުން އިްސާނުންދެކެ ލޯބިވާ ގޮތަށް ލޯބިވުމަށެވެ.

އެއިގެ ދެރެއެއްގެ ފަހުން މަންމަ އަނބިމީހާއަށް ކާންހެދޭލެއް ލަސްވެއްޖެ ކަމަށް ބުނެ މޫނުމަތީގައި ޖެހުމާއިއެކު ދެވަނަ ދަރިފުޅު ދުވެގޮސް ބައްޕަގެ މޫނުމަތީގައި ޖެއްސެވެ. ބައްޕައަށް ދިއައީ އެނބުރުން އަރައިގެންނެވެ. ވީތަދު ބޮޑުކަމުން ޖެހުނީ އަނގައިންވެސް ނުބުނެވި ހުންނާށެވެ! އިތުރަށް އަނިޔާ ނުކޮށް މައްސަލަ ޙައްލުވީ މަންމަ އެތައް އާދޭހެއް ކުރީމައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހުންނަނީ އަބަދުހެން ހިނގަމުންދާ ކަންކަމެވެ. އެކަކުވެސް އަނެކާއަށް އަނިޔާވެރިނުވާށެވެ! އަނިޔާ ނުކުރާށެވެ! އެއީ ދަރިންނަށް ސިއްރުކުރެވޭނެ ކަމެއް ނޫނެވެ. އަދި ދަރިން ބަލައިގަންނާނެ ކަމެއްވެސް ނޫނެވެ.  

މިޙާދިސާއަށް ބަލާށެވެ! ދަރިން މަންމަގެ ދިފާޢުގައި އެނުކުތީ އެތައް އަހަރަކަށް ފަހުގައެވެ. ދެން އެހެން ގޮތެއް ނެތުމުންނެވެ. މިއީވެސް ވަރަށް މަދުން ނޫނީ މެދުވެރިވާނެ ކަމެއް ނޫނެވެ. ގިނަ ފަހަރު ދާދިއަވަހަށް ދަރިން ނުކުމެ ކުރިމަތިލާނެއެވެ. އެއީ ބައްޕަ ދެކެ ލޯބިނުވާތީއެއް ނޫނެވެ. މަންމައަށް އަނިޔާ ލިބޭތަން ބަލަން ކެތްތެރިވެގެން ނުތިބެވޭތީއެވެ. ވީމާ ދަރިން ކުށްވެރިކުރެވޭކަށް ނެތެވެ.  

އަހުރެންގެ އާދޭހަކީ އަނބިމީހާ އާއިމެދު މިފަދަ ކަންކަން ނުކުރުމެވެ. ޖިސްމާނީ އަނިޔާނުކުރުމެވެ. ހަމައެކަނި ޖިސްމާނީ އަނިޔާއެއްވެސް ނޫނެވެ. ދުލުން ނުބައިބަހެއްވެސް ނުބުނާށެވެ. އަތުގެ ބާރުގަދަ މީހާއަށާ އަޑުގަދަ މީހާއަށް ގަދަ ލިބުނު ޒަމާން މާޒީވެ ނިމިއްޖެއެވެ.  

އަނބިމީހާއަށް ޖިސްމާނީ އަނިޔާކުރާނަމަ ދެދެރައެއް ލިބެއެވެ. އެއީ އަނބިމީހާ އާއި ދަރިންގެ ލޯބިން މަޙްރޫމްވާންޖެހުމެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެދެރައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން