އެއީ ތަނަވަސް މީހެކެވެ. އޭނާއަކީ ބުނެފި ކޮންމެ ބަހަކަށް ޤަދަރުކޮށް އިޙްތިރާމްކުރާ މީހެކެވެ. އެެހންވެ އޭނާއަށް އެންމެންވެސް ވަރަށް ޤަދަރުކުރެއެވެ.
އެއްދުވަހަކު އޭނާގެ ވޮލެޓް ގެއްލުނެވެ. ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހު ބުންޏެވެ. "އަހުރެންގެ ވޮލެޓް ހޯދައިގެން ގެނެސްދިން މީހަކަށް 10 މިލިއަން ޑޮލަރުދޭނަމެވެ." މިހެން ބުނިކަން އެނގެނީ އަނބިމީހާއަށް އެކަންޏެވެ.
އެހެން ބުނިތާ 3 ވަނައަށް އޮތް ދުވަހަކު ވަރަށް ފަޤީރު ކުއްޖަކު ވޮލެޓް ގެންގޮސްދިނުމުން ޙަވާލުވީ އަނބިމީހާއެވެ. ފިރިމީހާޢަށް އެކަން އެނގިއްޖެނަމަ އެބޮޑު އިނާމު ދޭނެކަން އެނގޭތީ އެވާހަކަވެސް ނުދައްކައި އޭނާ ފޮނުވައިލީއެވެ.
އަނބިމީހާއަކީ ވަރަށް ދަހި މީހެކެވެ. ވީމާ އެހައިގިނަ ފައިސާ އޭނާއަށް ދޭން ބޭނުންނުވާތީ އަނބިމީހާ ބޭނުންވީ ބައަކު ލައްވައި މަރާލުމަށެވެ. އެކަމަށް ޚަރަދުކުރަންޖެހެނީ އެންމެ 10000 ޑޮލަރު ކަމަށްވުމުން އަނބިމީހާ އެގޮތް އިޚްތިޔާރުކުރީއެވެ.
ޒުވާނާ މަރާލަން ޙަވާލުކުރި މީހުންނަށް ޒުވާނާއެނގެއެވެ. އޭނާ މަރާލަންޖެހޭވަރުގެ ކުށެއް ނުކުރާނެކަމުގެ ޔަޤީންކަން އޮތުމުން އެމީހުން ނިންމީ އޭނާ މަރާލަން ދިން ފައިސާ އަނބުރައިދޭށެވެ. އެއީ އެއްވެސް ކުށެއް ނެތި އެކުވެރިއަކު މަރާލަން ބޭނުންނުވާތީއެވެ.
އެމީހުން ފައިށާ ހިފައިގެން އެގެއަށް ދިއައިރު ދެމަފިރިން ތިބީ އެކުގައެވެ. އަނބިމީހާ ފުރަތަމަވެސް ވަރަށް ބިރުގަތެވެ. ވާން މިއުޅޭ ގޮތެއް ނުއެނގޭތީއެވެ. އެމީހުން ދިއަ ބޭނުމާއިމެދު ސުވާލުކުރުމުން އެއްވެސް ދޮގެއް ނުހަދައި ކަންހިނގައިގެން އުޅޭގޮތް ކިޔައިދީފައި އެފައިސާވެސް އޭނާގެ އަތަށް ދިނެވެ.
ފިރިމީހާ އެމީހުންގެ ކިބައިން އެދުނީ ވޮލެޓު ފެނުނު ޒުވާނާ ހޯދައިގެން ގެންގޮސްދިނުމަށެވެ. އެމީހުން އެޒުވާނާ ގޮވައިގެން ދިއުމުން ބުންޏެވެ. "އަހުރެންވީ ވަޢުދު ފުއްދާނަމެވެ. ޒުވާނާގެ އެކައުންޓަށް 10 މިލިއަން ޑޮލަރު ޖަމާކޮށްމިދެނީއެވެ. ދެން ތިބީ ކަލޭމެން 3 މީހުންނެވެ. ކަލޭމެން 3 މީހުން ދެން މިބާވަތުގެ ނުބައިކަންކަން ނުކުރާށެވެ. މިބުނަނީ ކިތަންމެ ގިނަ ފައިސާދިނަސް މީހަކު ނުމަރާށެވެ! ދިރިއުޅެން ރަނގަޅު މަސައްކަތެއް ފަށާށެވެ. 3 މީހުންނަށް 3 މިލިއަން ޑޮލަރު ދޭނަމެވެ. އަނބިމީހާއަށް އޮތް ގޮތަކީ އަވަހަށް މިގެއިން ދިއުމެވެ. މީހަކަށް ލިބެންޖެހޭ ޙައްޤެއް ދޭން ބޭނުންނުވުމުގެ އިތުރަށް އެމީހާ މަރާލަން ބޭނުންވި މީހަކު ފައިސާގެ ދަހިވެތިކަމުގައި އަހުރެން މަރާލަންވެސް ފަހެއް ނުޖެހޭނެއެވެ."
މާފަށް އެދި ރޮއި އާދޭސްކުރުމުންވެސް ބުނީ ތިއައީ ވަރަށް ބިރުވެރި އަންހެނެއް ކަމަށާއި އިރުކޮޅަކުވެސް ގޭގައި ބަހައްޓަން ބޭނުންނުވާ ކަމަށެވެ. އަނބިމީހާ ވަރަށް ދެރަވެ ކަރުނައެޅިއެވެ. ނަމަވެސް ގަދަކަމުން ގެއިން ނެރެ ފޮނުވައިލީއެވެ.
މިވާހަކައިން ޙާޞިލުކުރެވޭ ފިލާވަޅުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ދަހިވެތިކަން ބޮޑުވުމުގެ ނަތީޖާއެވެ. ދެވަނަ ކަމަކީ ހެޔޮލަފާ އަޅަކަށް ދެރައެއްދޭން އުޅުނަސް އެކަމަކުން އެމީހަކު ސަލާމަތްކޮށްދެއްވަވާނެ ކަމެވެ. ތިންވަނަ ކަމަކީ ކިތަންމެ ނުބައި ޢަމަލެއްކުޜާ ބައަކުވެސް ހެޔޮ ގޮތް ވިސްނި ރަނގަޅަށް ކަމެއްކުރަން އުޅެފިނަމަ ބޮޑެތި ރަޙްމަތް މިންވަރުކުރައްވަވާނެކަމެވެ.
- ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-