އެއްވެސް މީހަކަށް އެމީހެއްގެ ފުރާނަ ހިއްޕަވާ ވަޤުތު ކަންކަން މެދުވެރިވާނެ ގޮތެއް ނުއެނގޭނެއެވެ. އަހުރެމެންނަށް އޮތީ ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ގަދައަޅައި މަސައްކަތްކުރުމެވެ. މަސައްކަތްކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވައެވެ. މިއީވެސް ހެޔޮ ޢަމަލުތައް ކުރެއްވެވި، މާތް މަތިވެރި ބޭކަލެއްގެ ވާހަކައެވެ.
އަލްއިމާމު މާވަރަދީ ރަޙިމަހުﷲ އަކީ ފޮތްތައް ލިޔުއްވުމުގައި ވަރަށް ބޮޑަށް އިޚުލާސްތެރިވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ސިއްރިއްޔާތުގައި ތަފްސީރާއި އަދި ފިޤުހުގައި ފޮތްތައް ލިޔުއްވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި މިފޮތްތައް ހާމަނުކުރައްވައެވެ.
އެކަލޭގެފާނުގެ މަރަށް ހާޒިރުވުމުން އެކަލޭގެފާނަށް އިތުބާރުކުރެއްވޭ ބޭކަލެއްގާތުގައި ދެންނެވިއެވެ. އަހަރެންގެ މިވެނިދަރިއެއްގެ މިވަނިތަނެއްގައި ހުންނާނީ ހުސް އަހަރެންގެ ފޮތްތަކެވެ. އަހަރެން މަރުވެ ފުރާނަ އަހަރެންގެ ހަށިގަނޑާ ވަކިމުން ތިބާގެ އަތް އަހަރެންގެ އަތަށް ލާހުށިކަމެވެ. އަހަރެންގެ އަތުގެ މުށްބާރުވެ ބަންދުވެފައިވާނަމަ އަހަރެންގެ ފޮތްތަށް އަހަރެންގެ ކިބައިން ޤަބޫލުވެވިގެން ނުވެއެވެ. ދަޖްލާކޯރަށް އަހަރެންގެ ފޮތްތަށް އުކާލަދޭށެވެ. އަދި އަހަރެންގެ އަތްތިލަ ހުޅުވި ތަނަވަސްވެގެން ވާކަމުގައި ވާނަމަ ފަހެ އެފޮތްތައް އަހަރެންގެ ކިބައިން ޤަބޫލުވެވިއްޖެއެވެ. ފަހެ ނިޔަތް ޚާލިޞްކުރުމުގެ ނަޞީބު ލިބުނުކަމުގައި އަހަރެން އުއްމީދުކުރަމެވެ.
ފަހެ އެކަލޭގެފާނުގެ ފުރާނަފުޅު ދިޔައިރު އެކަލޭގެނުގެ އަތްޕުޅުއޮތީ ހުޅުވި ތަނަވަސްވެގެންނެވެ. އަދި އޭގެފަހުން އެކަލޭގެފާނުގެ ފޮތްތައް ފާޅުވެ ފެތުރިއްޖެއެވެ.
އަލްއިމާމު މާވަރަދީ ރަޙިމަހުﷲ:
އެކަލޭގެފާނު ނަންފުޅަކީ އިމާމު އަބުލް ޙަސަން ބިން ޢަލީ ބިން ޙަބީބް އަލްބަޞަރީ އަލްމާވަރަދީއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 364 ވަނަ އަހަރު ބަޞަރާގައެވެ. އެޔަށްފަހު އެކަލޭގެފާނުގެ ބައްޕާފުޅު ބަޣުދާދަށް ހިޖުރަކުރެއްވިއެވެ. އެކަލޭގެފާނުގެ ނަމުގެ ލަޤަބަކަށް އަލްމާވަރަދީ ނިސްބަތްކުރެވެނީ އެކަލޭގެފާނުގެ ބައްޕާފުޅު ފިނިފެންމާ ވިއްކާ ބޭފުޅަކަށް ވާތީ އެކަމަށް ނިސްބަތްކޮށެވެ.
ވަރަށްގިނަ ފޮތްތައް އެކަލޭގެފާނު ލިޔުއްވާފައިވެއެވެ. އެކަލޭގެފާނުގެ ފިޤުހުފޮތަކީ ޝާފިޢީ މަޒްހަބުގެ އެންމެބޮޑެތި މަރުޖިޢުތަކުގެ ތެރެއިން އެއްމަރުޖިޢެވެ. އެކަލޭގެފާނަކީ ޢައްބާސީ ދަޢުލަތުގައި ޤާޟީކަންކުރެއްވި އެންމެ ބޮޑު އެއްޤާޟީއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 450 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ މައްޗަށް އިމާމުވެ ކަށުނަމާދުކުރެއްވި އިމާމު ޚަތީބް އަލްބަޣުދާދީއެވެ.
- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު- ދި ސަލަފިއްޔާ