ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރުމަކީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރުމަކީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރަ!

ދިރިއުޅުމުގައި ހިތްދަތިކަން އަބަދުވެސް ކުރިމަތިވާނެއެވެ. ހިތްދަތިކަން ކުރިމަތިވުމުން ކުރަން ތިމާއަށް ވިސްނޭ ބައެއް ކަންކަމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކަމުގައި ވުމުން ބައެއް މީހުން ﷲ ތަޢާލާ އާއިމެދު ވިސްނާ ގޮތް ތަފާތުވެއެވެ. އެއީ ތިމާ ކުރަން ބޭނުންވި ބައެއް ކަންކަން ކުރުން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާތީއެވެ.  

ވީމާ އެކަން ނިކަން މިގޮތަށް ވިސްނައިލަބަލާށެވެ! ތިބާގެ ކުޑަ ދަރިފުޅު ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރަން ތިބާ ހުއްދަނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ކަންކަން ކުރުން މަނާކުރަނީ ކީއްވެގެން ހެއްޔެވެ؟  

ތެދުބަހުން ބުނާނަމަ ޖަވާބަކީ ދަރިފުޅު އެކަންކަން ކުރަން ބޭނުންވަނީ އެކަންކަން ކުރުމުން ލިބޭނެ ގެއްލުން ކުއްޖާއަށް ނުވިސްނޭތީއެވެ. އަދި ބެލެނިވެރިން އެކަންކަން ކުރަން ދަރިންނަށް މަނާކުރަނީ އެކަންކަން ކުރުމުން ދަރިންނަށް ލިބޭނެ ބޮޑު ގެއްލުން ވިސްނޭތީއެވެ. އެނގޭތީއެވެ.  

ވީމާ ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާ އަހުރެމެންނަށް ކުރަން ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ! އެކަންކަން ކުރަން އަހުރެމެންނަށް ބޭނުންވެވެނީ އެކަންކަން ކުރުމުން ލިބޭނެ ގެއްލުން އަހުރެމެންނަށް ނުވިސްނޭތީއެވެ. އަދި އެކަންކަން ކުރުން އަހުރެމެންނަށް ނަހީކުރައްވަވާފައިވަނީ އެކަންކަން ކުރުމުން އަހުރެމެންނަށް ލިބެން އޮތް ގެއްލުން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.  

ދެން ވިސްނާލަންވީ އެކަންކަން ކުރުން ﷲ ތަޢާލާ ނަހީކުރެއްވެވި ސަބަބަށެވެ. އެސަބަބަކީ އަހުރެމެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާލެއް ބޮޑުކަމެވެ. މިޘާލަކަށް އެކަން ކުރުމުން ﷲ  ތަޢާލާގެ ޙަޟްރަތަށް އުނިވާނެ އެއްވެސް ކަމެއް ނެތެވެ. އަދި ޛައްރެއްގެ މިންވަރުވިޔަސް އުނިވެސް ނުވާނެއެވެ. ހުރިހާ ދެރައެއް ލިބޭނީ ހަމަ އެކަން ކުރި މީހަކަށެވެ!  

ވީމާ ކިތަންމެ ބޮޑު ހިތްހަމަނުޖެހުމެއް ކުރިމަތިވިޔަސް ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ! ޙައްލު ލިބި އުފާވެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން