ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
يؤتى بالرجل يوم القيامة فيلقى في النار، فتندلق أقتاب بطنه فيدور بها كما يدور الحمار في الرحى، فيجتمع إليه أهل النار، فيقولون: يا فلان، ما لك؟ ألم تك تأمر بالمعروف وتنهى عن المنكر؟ فيقول: بلى، كنت آمر بالمعروف ولا آتيه، وأنهى عن المنكر وآتيه
މާނައީ: ޤިޔާމަތް ދުވަހުން މީހަކު ގެނެވޭނެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ. ދެން ފަހެ އެނަރަކައިގެ ތެރޭގައި އޭނާގެ ގޮހޮރު ބޭރުވެ ޙިމާރެއް އޭގެ ރަޙާގެ (އިހުޒަމާނުގައި ގޮވާންފަދަ ތަކެތި މުގުރަން ބޭނުން ކުރަން އުޅޭ އެއްޗެއް) ވަށައިގެން އެނބުރޭ ފަދައިން އޭނާ އެނަބުރޭނެއެވެ. ދެން ނަރަކައިގެ އަހުލުވެރީން އޭނާގެ ކައިރިއަށް ޖަމާވެ ބުނާނެއެވެ. "އޭ މިވެނި މީހާއެވެ. ކަލެއަށް ވީ ކިހިނެއް ހެއްޔެވެ؟ ކަލޭ އަހަރުމެންނަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކޮށް އުޅުނީމެއްނޫންހެއްޔެވެ؟ ދެން އޭނާ ބުނާނެއެވެ. އަހަރެން ހެޔޮ ކަންކަމަށް އަމުރު ކުރީމެވެ. އެހެން ނަމަވެސް އަހަރެން އަމިއްލައަކަށް އެކަންތައްތައް ނުކުރަމެވެ. އަދި ނުބައިކަންކަން ތިޔަބައިމީހުންނަށް ނަހީކޮށް އަހަރެން އެކަންތައްތައް ކުރަމުން ދިޔައީމެވެ."
އިންސާން ސޫރަތުގެ 27 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ هَـٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا
މާނައީ: "ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެއެވެ. އަދި ބުރަދަންހުރި ދުވަހެއް އެބައިމީހުންގެ ފަހަތަށް ދޫކޮށްލައެވެ."
ޤިޔާމަތް ދުވަހަކީ ބިރުވެރި ދުވަހެކެވެ. އެދުވަހުގައި އަޅުގަނޑުމެން ކޮށްފައިވާ ޢަމަލުތަކުގެ ޖަޒާ އަޅުގަނޑުމެންނަށް ލިބެއެވެ. ރަނގަޅަށް އުޅުނު އަޅުންނަށް ސުވަރުގެއެވެ. އަދި ގޯސްކޮށް އުޅުނު އަޅުންނަށް ނަރަކައެވެ. ނަމަވެސް އިސްވެ ބަޔާންކުރި ޙަދީޘްފުޅުގައި ބަޔާންވެގެން އަންނަނީ ހެޔޮ ކަންކަމަށް އަމުރުކޮށް، އަމުރުކުރާ މީހާ އެކަން ހަނދާން ނައްތާލާ އެކަން ނުކުރާނަމަ ފާފަވެރިވާނެކަމެވެ. އަދި ނުބައި ކަންކަން މަނާކޮށް އެކަންކަން އަމިއްލައަށް ކުރާނަމަ ފާފަވެރިވާނެކަމެވެ.
ޤިޔާމާތްވުމުގެ ކުދި ޢަލާމާތަކާއި ބޮޑެތި ޢަލާމާތްތައް ވެއެވެ. ކުދި ޢަލާމާތްތަކުގެ ތެރެއިން ކަންކަން ފާޅުވަމުން އެބަދެއެވެ. އެހެންކަމުން އަޅުގަނޑުމެން ހެޔޮ ޢަމަލުކޮށް އެކަން ކުރުން މަތީ ދެމިތިބެ، އަބަދުވެސް ހެޔޮމަގުގައި ތިބުމަށާއި، ސުވަރުގެ ދެއްވުން އެދި ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މި ޙަދީޘުން ލިބޭ ފައިދާތައް:
· ނަޞޭޙަތް ދިނުމުގައި މީހުން ކައިރި ވަކި ވަކީން ނަޞޭޙަތް ދިނުން
· ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފު ވާނަމަ ލިބޭ ވަޢީދް
· އެހެން މީހުންނަށް ހެޔޮ ކަންކަމަށް އަމުރުކުރި ފަދައިން އަމިއްލައަށް ވެސް އެކަން ކުރުން