އަހުރެންނަށް ކުރެވުނު ފާފަތަކަށް ތައުބާވުމުން އެކަން ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭނެ ގޮތެއް އޮންނާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
އަހުރެންނަށް ކުރެވުނު ފާފަތަކަށް ތައުބާވުމުން އެކަން ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭނެ ގޮތެއް އޮންނާނެތޯ؟

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވައިފިކަން އެމީހަކަށް އެނގުމެވެ. ޔަޤީންކުރެވުމެވެ. ނަމަވެސް އެއީ އަހުރެމެން (މިއަދު ދުނިޔޭގައި މިތިބަ) އެއްވެސް މީހަކަށް މިދުނިޔޭގައި ޔަޤީންކުރެވެން އޮތް ކަމެއް ނޫނެވެ. އޮތީ އުންމީދުކޮށް ހެޔޮ ޢަމަލުކުރުންމަތީގައި ޘާބިތުވުމެވެ.  

ފާފަކުރެވުމުން ފާފަ ފުއްސަވައި ދެއްވެވުން އެދި ކުރި ދުޢާ ޢިޖާބަ ކުރައްވަވާނެކަން ޔަޤީންކުރުމެވެ. ޔަޤީންކުރަންވީ އެކަން ޤުރްއާނުން އެނގެން އޮތުމުންނެވެ. ހަމައެއާއިއެކު ބުނެލަން އޮތީ ފާފައެއް ކުރެވުމާއި ޤަޞްދުގައި ފާފަކުރުމާއި މިއީ މުޅިންތަފާތު ދެކަމެކެވެ. އެންމެ ބޮޑު ގޯހަކީ ތައުބާވުން ލަސްކުރުމެވެ.  

ތިރީގައިވާ ލިޔުމުން މިކަމާއި ގުޅުންހުރި ވަރަށް ގިނަ މައުލޫމާތުތައް ލިބިލައްވާނެއެވެ. އިން ޝާ ﷲ  

"އަޅުގަނޑަކީވެސް ޒުވާން އުމުރުގައި ވަރަށް ގިނައިން ފާފަކުރެވުނު މީހަކީމެވެ. އެކަންކަން ވިސްނި މިއަދު ވަރަށް ބޮޑަށް ހިތާމަކުރަމެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު މިހާރު ތައުބާވަމެވެ. ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. އެހެނަސް އަޅުގަނޑުގެ ހިތަށް ލުޔެއް ނުލިބެއެވެ. ހިތަށް އަރަނީ އަޅުގަނޑުގެ ތައުބާ ޤަބޫލުފުޅުކުރައްވައިފިބާވައެވެ! ފާފަތައް ފުއްސވަދެއްވަވައިފި ބާވައެވެ.! އެކަންކަމަށް ވިސްނައިލެވޭ ކޮންމެ ފަހަރަކު މާޔޫސްވެއެވެ. ވީމާ އަޅުގަނޑަށް މިކަމުގައި އިތުރަށް އޮޅުންފިލާނެ ފަަދ މައުލޫމާތުކޮޅެއް ދެއްވިދާނެތޯއެވެ؟"  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ސުވާލުންވެސް އެބަ ޖަވާބު ލިބެއެވެ. މިސާލަކަށް ފާފަ ފުއްސަވައިދެއްވަވައިފިކަމާއިމެދު ސުވާލު އުފެދި ކަންބޮޑުވެވުމަކީ ތަޤްވާވެރިވެވޭކަމުގެ ޢަލާމާތެކެވެ. އަދި ތަކުރާރުކޮށް ކޮންމެ ދުވަހަކު އެކަމަށް މަސައްކަތްކުރެވޭކަންވެސް މެއެވެ.  

ދެން ވިސްނާލަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. "ތުމަން ﷲ އީ ގިނަގިނައިން ފާފަފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ! ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ!" ދެން ބަލައިލަންވީ ޙަދީޘްފުޅުތަކަށެވެ. އެމީހަކަށް ކުރެވިފައިވާ ފާފަތައް ކަނޑުގައި ހުންނަ ފޮނުތަކަށްވުރެ ގިނަ ނަމަވެސް އެމީހަކު ތައުބާވެ ޛިކުރުކުރުމުން ފާފަތައް ފުއްސަވައި ދެއްވަވާނެކަން އެނގެން އެބައޮތެވެ.  

ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވާށެވެ! ހިތަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.  

މާތް ﷲ ތިބާއަށް ފާފަ ފުއްސަވައިފިކަން އެނގޭނީ ކިހިނެއް؟ 

އެމެރިކާގެ މުސްލިމު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ނޫމަން އަލީ ޚާން ގެ ދަރުހެއްގައި އޭނާ ވަނީ، އިންސާނަކަށް ފާފައެއް ކުރެވުމުން الله ސުބްހާނަހޫ ވަތޢާލާ އެފާފަ ފުއްސަވައިފިކަން އެނގޭނެ ގޮތްތަކަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

"ފާފަ ފުއްސަވައިފިކަން އިނގޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ގިނައިން މީހުން ކޮށްފައިވާ ސުވާލެކެވެ. ޚާއްސަކޮށް ރަމަޟާން މަހު، ފާފަ ފުއްސަވައިފިކަން ކޮންމެވެސް ގޮތަކުން އަނގަވާދެއްވުމަށް ގިނަ ބަޔަކު އެދެއެވެ. 

އަހަރެން ބުނާނީ މިއީ އިންސާނެއްގެ އީމާންތެރިކަން އެމީހެއްގެ ހިތުގައި ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި-ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ ތިމާ ކުޅަ ކޮންމެ ހެޔޮ ޢަމަލަކުން ތިމާގެ ހިތަށް އުފަލާއި ހިތްހަމަޖެހުންދީ، ނުބައި ޢަމަލެއް ކުޅައުމުން އެކަމާއި ތިމާ ދެރަވެ ހިތް ނުތަނަވަސް ވާނަމަ، ތިމާއަކީ ޠާޤްވާވެރިއެކެވެ. 

އެހެންކަމުން ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވާފައިވޭތޯ ބެއްލެވުމަށް އުޅުމަކީ ވެސް ޠަޤްވާވެރިއެއް ކަމުގެ ހެއްކެކެވެ. 

ކީރިތި ޤުރްޢާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ސުންނަތުން ހާމަވެފައިވާ ގޮތުގައި ފާފަފުއްސެވުމަށްޓަކައި ދިރިއުޅުމުގައި ދެ ކަމެއް ކުރަން ޖެހެއެވެ. އެއްކަމަކީ އިސްތިޣްފާރް އެވެ. އަނެއް ކަމަކީ ޠަޥްބާ ވުމެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިދެކަމަކީ އެއްކަމަކެވެ. ނަމަވެސް އިސްތިޤްފާރް ކުރުމަކީ ކުރެވުނު ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމެވެ. ޠަޥްބާ ވުމަކީ އެފާފަ އަލުން ނުކުރާނެކަމަށް ދުޢާ ދެންނެވުމެވެ. މިދެކަންތައް އެއްކޮށް ކުރެވުމަކީ، އެއަޅަކަށް އެކަލާނގެ ފާފަ ފުއްސަވައިފި ކަމުގެ ނިޝާނެކެވެ. 

އިސްތިޣްފާރް ކުރާނީ ކިހިނެއް؟ އެއީ ހަމައެކަނި އަނގައިން ބުނެލާ ބަހެއްތަ؟ ނޫން. އިސްތިޤްފާރް ކުރަންވާނީ ހިތުގެ އެންމެ ފުންމިނުން، الله ސުބްހާނަހޫ ވަތޢާލާ ފާފަ ފުއްސެވުމަށް ވަރަށް ބޮޑަށް އެދޭކަން ހާމަ ކުރަމުންނެވެ. 

އިންސާނަކަށް ފާފައެއް ކުރެވުމުން، އެކަމަކަށް އިސްތިޣްފާރުކޮށް، ޠަޥްބާ ވުމަށްފަހު، ޠަޥްބާ ވެއްޖެކަމާއި އެފާފައިން އަރައިގެންފިކަން އޭނާއަށް އިޙުސާސް ވާން ޖެހޭނެއެވެ. އެފަދައިން އޭނާއަށް އިޙުސާސްވާނީ އެއިންސާނާވެވޭ ޠަޥްބާ އަކީ އެކަލާނގެ އޭނާއަށް ފާފަފުއްސެވުމަށް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއިއެކު އެދޭނަމައެވެ. 

ފާފަ ފުއްސެވުމަށް އެދި އިސްތިޣްފާރު ކުރާއިރު އެއީ ހަމަ އެކަނި އާދައިގެ މަތިން އެކަކު އަނެކަކު ގާތުން މާފަށް އެދޭ އެދުން ގޮތަށް، ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ. ތިމާއަށް އެފާފަ ކުރެވުނީތީ އެކަމާއި ލަދުގަނެ، މާތް ﷲ ގެ އަޒާބަކަށް ބިރުގަނެ އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ، އެފަދަ ޢަމަލެއް ދެން ނުކުރުމަށް ތިމާގެ ހިތުގެ އަޑިން ކަނޑައަޅަން ވާނެއެވެ. މިފަދައިން ކަންތައް ކުރެވިއްޖެނަމަ، އެކަލާނގެ އެއިންސާނެއްގެ ފާފަ ފުއްސަވައިފިކަން އެނގުނީއެވެ. 

އާދައިގެ އިންސާނެއް ގާތު މާފަށް އެދުމާއި އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުން ތަފާތެވެ. އާދައިގެ އިންސާނެއް ގާތު މާފަށް އެދުމުން، އެކަމަށް މާފު ކޮށްދިން ކަމުގައި ވިޔަސް އެދެމީހުންގެ ދެމެދުގައި ކަންތައްތައް ކުރިން އޮތް ގޮތަކަށް ރުޖޫޢައެއް ނުވެވޭނެއެވެ. ނަމަވެސް الله ސުބްހާނަހޫ ވަތަޢާލާ ފާފަ ފުއްސަވައިފި އަޅަކާއި އެކަލާނގެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެއެވެ."

 

 

މިއަދު އޮންލައިން