މިހާރަކަށް އައިސް ކައިވެނީގެ ވަލީމާއަކަށް ދަޢުވަތެއް ލިބުނަސް ބައެއް މީހުން ބަލަނީ އޭނާގެ ދަރަޖައަށާއި ތަނަވަސްކަމަށެވެ. ނިކަމެތިނަމަ މާބޮޑު ސަމާލުކަމެއް ނެތެވެ. ނަމަވެސް އެއީ އެކަމުގައި ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ.
މިކަމުގައި الشيخ عبد البارئ بن عواض الثبيتي - حفظه الله ގެ ބަސްފުޅު ވިދާޅުވެލައްވާށެވެ!
މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި، އޭނާގެ ދަޢުވަތަށް އިޖާބަދީ، އޭނާގެ ވަލީމާއަށް ޙާޟިރުވެ، އޭނާގެ ހިތްހަމަޖައްސައިދީ، އޭނާގެ އުފަލުގައި ބައިވެރިވުން ހިމެނެއެވެ. އެކަކު އަނެކަކަށް ދަޢުވަތު ދިނުމުން ގާތްކަމާއި އެއްބައިވަންތަކަން އުފެދެއެވެ. އަދި އެކަމުގެ ސަބަބުން އެކަކު އަނެކަކަށް ޒިޔާރަތްކުރެވެއެވެ. އަދި ބައްދަލުވެއެވެ. އަދި އޭގެ ހިޔަލުގައި މައްސަލަތައް ހައްލުވެއެވެ.
* ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا دُعِيَ أَحَدُكُمْ إِلَى طَعَامٍ، فَلْيُجِبْ، فَإِنْ شَاءَ طَعِمَ، وَإِنْ شَاءَ تَرَكَ» [رواه مسلم / كتاب: النكاح / باب: الأمر بإجابة الداعي إلى دعوة / رقم: 105 – (1430)]
މާނައީ: "ކެއުމަކަށް ދަޢުވަތު ދެވިއްޖެނަމަ، ފަހެ، އިޖާބަދޭށެވެ. ދެން އެމީހަކު ބޭނުންނަމަ ކާށެވެ. ކާން ބޭނުން ނުވާނަމަ ނުކާށެވެ."
ކައިވެނީގެ ވަލީމާގެ ބޮޑުމިނާއި، އެކަމުގައި ކުރާ ހޭދަ އަދި އުފުލަންޖެހޭ ބުރައަކުން ވަލީމާގެ ޤަދަރު މިން ނުކުރެވޭނެއެވެ. އެހެނެއްކަމަކު އޭގެ މަޤްޞަދަކީ މުސްލިމުންގެ މެދުގައި އަޚްވަންތަކަމާއި ގުޅުން އުފެއްދުމެވެ. ވަލީމާގައި އިސްރާފުކުރުމާމެދު ދަންނައެވެ. ފަހެ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ޝަރީޢަތާ ޚިލާފުކަމެކެވެ. އަދި ބަރަކާތް ކެނޑޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [الأعراف: 31]
މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެ ވޮޑިގެނެއް ނުވެއެވެ."
-- الشيخ عبد البارئ بن عواض الثبيتي - حفظه الله ގެ ޚުޠުބާއަކުން
- މަސްދަރު: ދިސަލަފިއްޔާ