ހެޔޮލަފާ އުޚުތުން ބުނާނީވެސް އަދި އެދޭނީވެސް މިގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 52ސ
ހެޔޮލަފާ އުޚުތުން ބުނާނީވެސް އަދި އެދޭނީވެސް މިގޮތަށް!

ތިރީގައިވާ ލިޔުމަކީ ކޮންމެ އުޚުތަކަށްވެސް ވަރަށް މުހިންމު ފިލާވަޅެކެވެ. އަދި އަޚުންނަށްވެސް މެއެވެ. ދިރިއުޅުންއުފާވެރިކޮށް ބާއްޖަވެރިކުރުވޭނީ މިފަދަ ޝުޢޫރުތަކުން ޢިބްރަތް ޙާޞިލުކޮށްގެންނެވެ.  

ތިބާ އަހަންނާ ދިމާލަށް ބަލާފައި ތިޔަ ހީކުރަނީ އަހަންނަކީ އަނިޔާ ލިބިފައިވާ މީހެއް ކަމަށް ހެއްޔެވެ؟

ތިބާ އަހަރެންގެ ބޭރު ފުށަށް ބަލާފައި އަހަންނާމެދު ގޮތް ނިންމަނީ ހެއްޔެވެ؟

އަހަރެން ފަޚުރުވެރިކަމާއިއެކު ލައިގެން ހުންނަ ފޭރާމަށް ބަލާފައި ތިބާ އަހަންނާމެދު ހަމްދަރުދީ ވަނީހެއްޔެވެ؟

އެއީ، އަހަރެންގެ ހަށިގަނޑު ނިވާކޮށްފައި ހުރި ގޮތުންހެއްޔެވެ؟  

އަހަރެންގެ ހަށިގަނޑަކީ ތިބާގެ ލޯ ހުއްޓައިގެން، ކަޅިޖަހާނުލާ ބެލުމަށްޓަކައި ވާ އެއްޗެއް ނޫނެވެ!

އަހަރެންގެ ޗާލު ރީތި ވަނާތަކަކީ މަގުމަތީގައާއި އެކިތަންތާ ތިބޭހާ ފިރިހެނުންނަށް ދެއްކުމައްޓަކައި ވާ އެއްޗެއްވެސް ނޫނެވެ!

އަދި އަހަންނަށް ލިބިފައިމިވާ ފުރިހަމަ ބައްޓަމާއި، ބުރުސޫރައަކީ، އެއްވެސް އަގެއް ނެތް އެއްޗެއް ފަދައިން ކޮންމެކޮންމެ މީހަކަށް އެއިން ވަޤުތީ ހިތް ހަމަޖެހުމާއި އަރާމު ލިބިދިނުމައްޓަކައި ވާ އެއްޗެއްވެސް ނޫނެވެ!

އަގުބޮޑު ތަކެތި ހުންނަނީ ފޮރުވާފައިކަން ތިބާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

އެއީކީ ކޮންމެކޮންމެ މީހަކަށް ފެންނަން ހުންނަ، އަދި އެނގެން ހުންނަ ތަކެއްޗެއް ނޫނެވެ!

އަދި އެއީ ކޮންމެކޮންމެ މީހަކަށް އަތްލެވެން ހުންނަ ތަކެއްޗެއްވެސް ނޫނެވެ!  

އިސްލާމްދީނުގައި އަހަންނަށް ދީފައިވަނީ ރަންމުތެއްގެ ދަރަޖައާއި މަޤާމުކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟

ކޮންމެކޮންމެ މީހަކަށް އަހަންނެއް ނުވެސް ފެންނާނެއެވެ.

އަދި ނުވެސް ލިބޭނެއެވެ.

އަހަރެން ރުހޭ މީހަކާއި މެނުވީ އަހަރެން ކައިވެންޏެއްވެސް ނުކުރާނަމެވެ.

 ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދޭން، ދުވާލު ހަތަރުދަމު މަސައްކަތްކޮށްދޭނެ މީހަކު މެނުވީ އަހަރެން ބޭނުމެއް ނޫނެވެ.

އެމީހަކު އަހަރެންގެ ހަށިގަނޑުގައި ނުރުހުންތެރިކަމާއެކު، މިސްވާކުން މެނުވީ ޖަހައިގެންވެސް ނުވާނެއެވެ.

އެއީވެސް އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމައެވެ.  

އަހަންނަށް މަގުތައްމަތިން ނިވާކަން ކުޑަ ހެދުން ލައިގެން ހިނގާފައި ދާ، އަހަރެން ފަދަ އެހެން އަންހެންކުދިން ފެނެއެވެ.

އެކުދިންނާ މީހުން ފޮށެ ހަދާތަންވެސް ފެނެއެވެ.

އުދަނގޫ ކުރާތަންވެސް ދެކެމެވެ.

އެމަންޒަރުތައް ފެނިފައި އަހަންނަށް އަހަރެންގެ މާޒީ ހަނދާންވެއެވެ.

އޭރު މަގުމަތިން ދާއިރު ހުންނަނީ އަބަދުވެސް މީހަކު ކޮށްފާނެ ޖެއްސުމަކަށް ސިހިސިހިއެވެ. ބިރުގަނެފައެވެ.

ނަމަވެސް ކުރިން އަހަރެން މަގުމަތިން ހިގާފައި ދާއިރު އަހަންނާ ދިމާލަށް ގޮވައި އުނދަގޫ ކުރާ މީހުންތަކެއް މިހާރަކު އަހަންނާ ދިމާލަށް ގޮވައި އުނދަގޫކޮށެއް ނުހަދައެވެ.

މިހާރު އަހަރެން މަގުމަތިން ހިނގާފައި ދާއިރު، މަސްތުވެ ވާނުވާ ނޭނގޭ ވަރުވެފައިވާ މީހުންވެސް އަހަންނަށް އިޙްތިރާމް ކުރެއެވެ.

އަހަރެންނަށް މަގު ހިނގަން ތަން ދައްކައެވެ.

އަހަރެންގެ ގައިގައި އޭގެން އެކަކުވެސް އެނގިހުރެ ނުބީހެއެވެ.

ނޭނގިގެން ޖެހުނަސް އަވަހަށް ދުރަށް ދެއެވެ.

މަޢާފަށް އެދެމުންނެވެ.

އަހަންނަށް އިޙްތިރާމް ކުރާ ޙާލު ލަދުގަނެފަ ހުރެގެންނެވެ.  

އަހަންނާ ދިމާލަށް ކިރިޔާވެސް ބަހެއް ބުނެ އުނދަގުލެއް ކުރަނީ އަހަންނަށް ހަސަދަވެރިވާ އަހަންނާއި އެއްޖިންސުގެ މީހުންނެވެ.

ނޫނީ ގާތް ތިމާގެ މީހެކެވެ.

ނުވަތަ އަހަރެންގެ ޢާއިލާގެ ކޮންމެވެސް މީހެކެވެ.

އެމީހުން އެކުރާ މަލާމާތަލުން އަހަރެންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ.

އެމީހުންވެސް ކުޑަ ދުވަސްކޮޅަކުން ފެންނަނީ މިކަމަށް ރުހި ލޯބި ޖެހޭތަނެވެ.  

އަހަންނަށް މިހެން ފޭރާން ލާން އަމުރުކުރީކީ ފިރިހެނުންނެއް ނޫނެވެ.

އަހަންނަކީ މިނިވަނެކެވެ.

އެއްވެސް މީހެއްގެ އަޅެއް ނޫނެވެ.

ﷲ އަށް އުރެދޭ ކަމަކަށް، އެއްވެސް މީހަކަށް އަހަރެންގެ މައްޗަށް އަމުރެއް ނުހިންގޭނެއެވެ.

ފިރިމީހާ ވިޔަސް ނުވަތަ މައިން ބަފައިން ކަމުގައި ވިޔަސްމެއެވެ.

އެފަދަ އަމުރެއް ކުރިޔަސް، އެއަމުރަކަށް ކިޔަމަންވުމެއް ނެތެވެ.

އަހަރެން ކިޔަމަންވަނީ މާތް ﷲގެ އަމުރުފުޅަށެވެ.

އަހަރެން އެދެނީ މާތް ﷲގެ ރުއްސެވުމެވެ.

އަދި އެކަލާނގެ ފުއްސެވުމެވެ.  

އަހަރެންގެ ފޭރާމަކުން އަހަންނަކަށް ނިކަމެތިކަމެއް ނުލިބެއެވެ.

އޭގެ ސަބަބުން އަހަރެންނަށް ލިބުނީ މިނިވަންކަމެވެ.

، ނުބައި ނުލަފާ ޖައްބާރު ފިރިހެނުންގެ ކިބައިން އެފޭރާން އަހަރެން ސަލާމަތް ކޮށްދެއެވެ.

މި މިނިވަންކަން ވަނީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރިންވެސް އަހަރެންނަށް ދެއްވާފައެވެ.

ނަމަވެސް އޭރު އަހަންނަށް އެކަމެއް ނޭނގެއެވެ.

ތިބާއެކޭ އެއްފަދައިން އޭރު އަހަރެންވެސް ހީކުރީ އަޅުވެތިކަމަކީ އެއީ ކަމުގައެވެ. 

ކުރީގައި އަހަރެންވީ، އަބަދުމެ ކަންބޮޑުވެ ހާސްވެފައި ހުންނަ މީހެއްކަމުގައެވެ.

މަރުވުމާއި އާޚިރަތާއި މެދު ވިސްނާލައިފިނަމަ ވަކިން ބޮޑަށް ހާސްވެ ހިތް ނުތަނަވަސްވާ ގޮތް ވެއެވެ.

އެހެންނަމަވެސް މިހާރު މިފޮރުވިފައިވާ ޙިޖާބުގެ ތެރެއިން އަހަންނަށް އީމާން ކަމުގެ ފޮނިކަން އިޙްސާސް ކުރެވެއެވެ.

އަހަރެންގެ ވެރި ރައްބާއި މިވަޤުތު ބައްދަލު ކުރަންޖެހުނަސް ކޮންމެވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބޭނެކަމަށް އުއްމީދު ކުރެވެއެވެ.

ފަހެ ޙަޤީޤީ ހިތްހަމަ ޖެހުމަކީ މިއީ ނޫން ހެއްޔެވެ؟

އަޅެ އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ބުނެބަލާށެވެ.  

ތިބާއަށް އެނގޭ ހެއްޔެވެ؟

އަހަރެމެންނަށް ވުރެ މާ ރީތި، ފުރިހަމަ މާތް ކަނބަލުން ވަނީ މިކަމުގައި އަހަރެމެންނަށް ނަމުނާ ދައްކާފައެވެ.

އެކަނބަލުންނަށް ވުރެ އަހަރެމެންގެ އީމާންތެރިކަމާއި ތަޤްވާވެރިކަން މަތިވެރިވާނެ ހެއްޔެވެ؟

ނޫނީ އެކަނބަލުންނަށް ވުރެ އަހަރެމެންނަށް އީމާންކަމުގައި ކުރިއަރައި ދެވޭނެ ކަމަށް ހީވޭ ހެއްޔެވެ؟

ވީމާ އެކަނބަލުން ހިންގެވި ފިޔަވަޅުތައް މަތިން ހިނގޭތޯ ބަލަން ބަހީ އެވެ.

އެހާރުން އެކަނބަލުންނަށް ލިބުނު ފަދަ ނަސީބެއް އަހަރެމެންނަށްވެސް ލިބުން ކައިވެދާނެތެވެ.   

އެންމެހައި ޝުކުރަކާއި ޙަމްދެއްވަނީ، ޙައްޤު މަގު ދައްކަވައި، ބަޔާންކޮށްދެއްވެވި އިލާހަށެވެ.

މުޅި ކާއިނާތާއި އެތަނުގައި ވާހާ އެއްޗެއްގެ ވެރި، ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ.

އަދި ޞަލަވާތާއި ސަލާމް ލެއްވުއް އެދި ދުޢާކުރަނީ އިތުރު މާތް ނަބިއްޔާއާއި މިތުރު ސަހާބީންނަށެވެ.

**

- ޝައިޚް ޒަމްޒަމް ފާރިޝް

މިއަދު އޮންލައިން