ހުރިހާ ބަސްތަކެއް ﷲ ދެނެވޮޑިގެންވޭ! އޮތީ ދުޢާކުރުމުގެ އަދަބުތަކުގަ ހިފެހެއްޓުމާ ހަށިގަނޑާ ހިތް ޠޯހިރުކޮށްގެން ރިވެތި ޢިބާރާތުން ދުޢާކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ހުރިހާ ބަސްތަކެއް ﷲ ދެނެވޮޑިގެންވޭ! އޮތީ ދުޢާކުރުމުގެ އަދަބުތަކުގަ ހިފެހެއްޓުމާ ހަށިގަނޑާ ހިތް ޠޯހިރުކޮށްގެން ރިވެތި ޢިބާރާތުން ދުޢާކުރުން!

"ދުޢާކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ނަމަވެސް އެއިން ކަމަކަށް އެދި ޢަރަބި ބަހުން ކުރާނެ ދުޢާއެއް ނުފެނުނެވެ. ޢިލްމުވެރިން ގާތު ސުވާލުކުރުމުން ވިދާޅުވަނީ އެކަންކަމަށް އެދިގެން ކުރާނެ ޚާއްޞަ ދުޢާއެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެޙާލަތުގައި ހަމަ ދިވެހި ބަހުން ދުޢާކުރަންވީ ކަމަށެވެ.  

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު ދުޢާކުރަން ބޭނުންވާ ކަންތަކުގަ ކުރާނެ ދުޢާއެއް ޢަރަބިބަހުން ނޭނގޭނަމަ ޢަމަލުކުރަންވީ ކިހނަކުންތޯ؟ އެވެ. ދިވެހިބަހުން ކުރިޔަސް ރަނގަޅުވާނެތޯ؟"  

މިމޭރުމުން ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ޢިލްމްވެރިން ތިއަ ވިދާޅުވަނީ އެކަން އޮތް ގޮތެވެ. ތިރީގައިވާ ލިޔުމުން ޖަވާބުލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

ޢަރަބި ބަސް ނުއެނގޭ މީހަކު ޢަރަބިބަހުން ދުޢާކުރާއިރުވެސް އޮންނާނީ ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގިފައެވެ. އެކަމުގެ އަސަރާއިއެކު ﷲ ތަޢާލާއަށް ނުދެންނެވިފައެވެ. ވީމާ ޢަރަބި ބަހުން ކުރާ ދުޢާތަކުގެ މާނަ ދަސްކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެއާއިއެކު ތިމާއަށް ބޭނުންވާ ކަންކަމުގައި ތިމާ ވާހަކަދައްކައިއުޅޭ ބަހަކުން ވެސް ދުޢާކުރަންވީއެވެ. އެންމެ އަސަރާއިއެކު ﷲ ތަޢާލާގެ ޙަމްރަތުގައި ދެންނެވޭނީ އެއިރުންނެވެ.  

ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. އެހެނީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.  

އެމީހަކު ވާހަކަދައްކައި އުޅޭ ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ﷺ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުންނެވެ.

"ﷲއަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.---- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."  

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ﷺ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ. 

އެންމެބޮޑަށް ފާހަގަމިކުރަނީ ކުރާ ދުޢާގެ މާނަ ދަސްކުރުމުގެ މުހިންމުކަމެވެ. ރޯންޖެހޭ ޙާލަތުގައި ރޮއިކަރުނައަޅައި ﷲ ތަޢާލާއަށް ދެންނެވޭނީ ދެންނެވޭ އެއްޗެއް އެނގިގެން ކަމުގައިވާތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން