ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ނިޒާމުތަކުގެ ސަބަބުން، ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖީޑީޕީގެ 13 އިންސައްތަ ހޭދަވަނީ ތެޔޮ އިމްޕޯޓުކުރުމަށެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކާމިޔާބުކަމާއެކު ނިންމާލެވުނު މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ނިޒާމުތަކުގެ ސަބަބުން ރަށްރަށުގެ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.
ސަރުކާރުގެ މުހިންމު ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މި މަޝްރޫޢަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.