ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދޮންބޭޒް ކުންފުންޏާ ހަވާލުކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން ބައެއް އެއްބަސްވުންތައް ސަރުކާރުން ބާތިލުކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ވަޒީރު ވިދާޅުވީ، ދޮންބޭޒް ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫއާއި، ގއ. ވިލިނގިއްޔާއި، ޅ. ހިންނަވަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ދޫކުރި ފައިސާ ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެޑްވާންސް ފައިސާ ނަގައިގެން މަސައްކަތް ކުރިއަށްނުދާތީ ކުޅުދުއްފުށީ މަޝްރޫޢު މިހާރު ބާތިލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، އެ މަޝްރޫޢުތަކަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން މިހުށަހެޅީ އެޑްވާންސް ޕޭމެންޓް ގެެރެންޓީ. އެވެސް މިއޮތީ އެއިރުގެ ސަރުކާރުން އެކްސެޕްޓްކޮށްފައި އޮތީ ކޮންޑިޝަނަލް ބޮންޑެއް. އަޅުގަނޑުމެން އޭތި ހޯދަން އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމުން އެބައޮތް ނުލިބޭނެ ކަމަށް ބުނެފައި. އެހެންވީމާ ޙަޤީޤަތުގައި އަޅުގަނޑަށް ނޭނގޭ އެ އެޑްވާންސް ރިކަވަރ ކުރާނީ ކިހިނެއްކަން" ކަމަށެވެ.
މި މަޝްރޫޢުތަކަކީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތްތަކެއް ނަމަވެސް، ކުންފުނީގެ ފަރާތުން މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން މަޝްރޫޢުތައް ވަނީ ހުއްޓިފައެވެ. އަދި އެޑްވާންސް ގެރެންޓީގެ ގޮތުގައި ހުރި ބޮންޑުތަކަކީ ޝަރުތުތަކެއް އެކުލެވޭ ބޮންޑުތަކަކަށް ވުމުން، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަން ވަޒީރުގެ ވާހަކަފުޅުން އެނގެއެވެ.