ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 21

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 21

ހަނގުރާމައިގެ ތިންވަނަ ދުވަސް

ޤާދިސިއްޔާ ހަނގުރާމައިގެ ތިންވަނަ ދުވަސް އިސްލާމީ ތާރީޚުގެ މޭގައި ލިޔެވިފައިވަނީ [ޢިމާޘް] ގެ ނަމުންނެވެ. [ޢިމާޘް] ގެ ލުޣަވީ މާނައަކީ އަނދިރިކަމެވެ. އެ ދުވަހަށް މި ނަންދެވުނީ، އަސްތަކުގެ މޮއްގަނޑުތަކުން ބުރުވަމުންދިޔަ ހިރަފުހުން ހަނގުރާމައިގެ މައިދާނަށް އާދަޔާޚިލާފު ކަނު އަނދިރިކަމެއް ވެރިވެގެންދިޔުމުގެ ސަބަބުންނެވެ.

އެ ދުވަހަށްޓަކައި އީރާނުގެ މީހުންވަނީ އާ އުކުޅެއް ރާވައިފައެވެ. އެބައިމީހުންވަނީ ހަނގުރާމައިގެ މައިދާނަށް ގެނައި އެތްތަކުގެ ބުރަކަށިމަތީގައި ހައުދަޖުތައް ބަހައްޓައިފައެވެ. މިފަހަރު އެ އެތްތަކުގެ ވަށައިގެން ފައިމަގުގައި ހަނގުރާމަކުރާނެ މީހުންވެސް ތިއްބެވެ. އެހެނީ ކުރީ ފަހަރު ވަނީ މުސްލިމުން އެތްތަކުގައި ހަރުކޮށްފައިވާ ހައުދަޖުތައް ހިފަހައްޓަން އައްސައިފައިވާ ވައުތައް ކަނޑައިލައިފައެވެ.

ފައިމަގުގައި ހަނގުރާމަކުރާ ސިފައިންނަށް އަސްވާރުން ގެންދިޔައީ އައްޑަނައެއްގެ މިސާލުގައި ރައްކާތެރިކަން ދެމުންނެވެ. އެތްތައް ކުރިއަށްދިޔައީ މިފަދަ ރައްކާތެރިކަމެއްގެ ތެރޭގައެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކަށް ނުތަނަވަސްކަމާއި ބިރުވެރިކަން ކުރިމަތިވިއެވެ. ޙަޤީޤަތުގައިވެސް އެ ބިޔަ އެތްތަކާ ކުރިމަތިލުމަކީ މުސްލިމުންނަށް ފަސޭހަކަމެއް ނޫނެވެ. އެތްތައް ކުރިއަށްދާ ކޮންމެ ދިމާލަކުން ފެންނަމުންދިޔައީ ބިރުވެރިކަމާއި ސިހުމެވެ. މި ކަންތައް ދުޝްމަނުންނަށްވީ ޣަނީމާއެއް ކަމުގައެވެ. އެބައިމީހުން މި ރަނުގެ ފުރުޞަތުގެ ބޭނުންހިފައި، މުސްލިމުންގެ ލަޝްކަރު ފޫއަޅުވައިލައިފައި ކުރިއަށްދިޔައެވެ. މުސްލިމުންނަށް އެބައިމީހުންގެ މަޤާމުގައި ފައިތިލަ ސާބިތުކޮށްގެން ތިބުންވީ ނުހަނު ދަތިކަމަކަށެވެ. އެތްތަކުގެ ސަބަބުން މުސްލިމް ލަޝްކަރަށް އެތައް ތުރާލަކާއި މުސީބާތެއް ޖެހެމުންދިޔައެވެ.

އެތްތަކާ ކުރިމަތިލުމަށް ސަޢުދު ބިން އަބީ ވައްޤާޞް އުކުޅެއް ރޭއްވެވުން

ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހުއަކީ ޢަސްކަރީ މުދައްބިރެކެވެ. އެކަލޭގެފާނު ހުންނެވީ ހަނގުރާމައިގެ ޙާލަތު ރަނގަޅަށް ބައްލަވައި ދިރާސާކުރެއްވުމުގައެވެ. އެ ބިޔަ އެތްތަކުގެ ސަބަބުން އިސްލާމީ ލަޝްކަރުގެ ހަނގުރާމަ ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތްވެއެވެ. މި ކުއްލި ނުރައްކަލުގެ ޙާލަތުގައި، އެކަލޭގެފާނު މުސްލިމުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ އީރާނުގެ މީހުންނަށް މެސެޖެއް ފޮނުއްވިއެވެ. އެ މެސެޖުގައިވަނީ އެތްތަކުގެ އުނދަގުލުން ސަލާމަތްވާނެ ގޮތެއް ބަޔާންކޮށްދިނުމަށެވެ. އެބައިމީހުން ޖަވާބުދިނެވެ. [އެތްތަކަށް ހަމަލާދީގެން އިސާހިތް ބަލިކޮށްލެވިދާނެއެވެ. އެތްތަކުގެ ލޮލާއި އޭގެ ހޮނޑަކީ އޭގެ އެންމެ ނާޒުކު ދެ ގުނަވަނެވެ.] އޭގެ ތެރެއިން އެކަކު ބުންޏެވެ. [އެ ދެ ތަނަށް ޙަމަލާދީފިނަމަ އެސާހިތް އެ މުސީބާތުން ސަލާމަތްވާނެއެވެ.]

ދުޝްމަނުންގެ ލަޝްކަރުގައި ތިބި އެތްތަކުގެ ތެރޭގައި، މާ ވަރުގަދަ، މާ ހައިބަތުހުރި ދެ އެތް އޮތެވެ. އޭގެ ތެރެއިން، ލަޝްކަރުގެ އެންމެ ކުރީގައި އޮތް އެތަކީ، އާދަޔާޚިލާފަށް މަދުންނޫނީ ނުފެންނަ ވައްތަރުގެ، ހުދުކުލައިގެ އެތެކެވެ. އަނެއް އެތަކީ، އަޅިކުލައިގެ ބިޔަ އެތެކެވެ. އިސްލާމީ ލަޝްކަރުގެ މަރުކަޒީ ކޮމާންޑުން، ތަމީމުވަންހައިގެ ދެ ފިރިހެން ސިންގާއަށް އަމުރުކުރެއްވީ، އެ ހުދުކުލައިގެ އެތަށް ހަމަލާދިނުމަށެވެ. ތަމީމުވަންހައިގެ ޖެހިލުންކުޑަ މި ދެ ސިންގާއަކީ، ޤަޢުޤާޢު ބިން ޢަމްރޫއާއި، އޭނާގެ އަޚު ޢާޞިމް ބިން ޢަމްރޫއެވެ. ހަމައެއާއެކު، އަޅިކުލައިގެ އެތަށް ޙަމަލާދިނުމުގެ ކަންތައް ޙަވާލުކުރެއްވީ، ޙައްމާލް ބިން މާލިކާއި، ރިބްޢީލް ބިން ޢަމްރޫ އަލްއަސަދީއަށެވެ.

- ނުނިމޭ -

މިއަދު އޮންލައިން